އެއްބަސްވުމަަކަށް ނާދެއްވިއްޖެނަމަ އަލުން ހަނގުރާމަ ފެށިދާނެ ކަމަށް އެމެރިކާއިން ބުނެފި
އީރާނާއި އެމެރިކާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަށް ނާދެވިއްޖެނަމަ އަނެއްކާވެސް ހަނގުރާމަ ފަށަން ތައްޔާރު ކަމަށް އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއްޔެ ވިދާޅުވެއްޖެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް އޮތް ކަމަށް ބުނާ ވާހަކަ އީރާނުން ދޮގުކުރި ނަމަވެސް ވައިޓް ހައުސްއިން ވަނީ ޓްރަމްޕް އެއްބަސްވުމަކާ މެދު ގޮތެއް ނިންމުމާ ގާތްވެފައިވާ ކަމަށް އިޝާރާތްކޮށްފައެވެ. "ބޭނުންވެއްޖެނަމަ ހަނގުރާމަ އަލުން ފެށުމުގެ ގާބިލުކަން އަޅުގަނޑުމެންގެ އެބަހުރި." ސިންގަޕޫރުގައި ބޭއްވި ސަމިޓެއްގައި ބައިވެރިވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން ހެގްސެތު ވިދާޅުވިއެވެ. މި ހަފްތާގައި އެމެރިކާއިން އީރާނުގެ ބަންދާރް އައްބާސްއަށް ދިން ހަމަލާތަކާ ގުޅިގެން އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތާ މެދު ސުވާލު ވަނީ އުފެދިފައެވެ. ހަމަލާ ދިން ނަމަވެސް މަޝްވަރާތައް ކުރިއަށްދާއިރު، ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަކީ ދާއިމީ އެއްބަސްވުމަކަށް ދިއުމަށް އީރާނުން ކަނޑައަޅާފައިވާ ޝަރުތެކެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެއްބަސްވުމެއްގައި ހިމެނުމަށް އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމާއި ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުން ހިމެނެއެވެ. އީރާނުގެ ސަރުކާރާ އެއްކޮޅަށް އާންމުން ބޭއްވި މުޒާހަރާއެއް. ފޮޓޯ/އޭޕީ ދެ ގައުމުން ވެސް ވާދަވެރި ޝަރުތުތަކެއް އެއްވެސް ބަދަލަކާ ނުލައި އީރާނުން ހުރްމުޒް ކަނޑުއޮޅިން މައިންތައް ނަގައި ކަނޑުއޮޅި ހުޅުވައިފިނަމަ ކަނޑުއޮޅި މެދުވެރިކޮށް އީރާނުންގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް އުވާލާނެ ކަމަށް ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ. އަދި އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ނައްތާލުމުގައި ވެސް ދެ ގައުމު ކޯޑިނޭޓް ކުރާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް އީރާނުގެ ފާސް ނޫސް އެޖެންސީން މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި މަޝްވަރާގެ ދެން އޮތް މަރުހަލާއަށް ދިއުމުގެ ކުރިން 12 ބިލިއަން ޑޮލަރު ދޫކުރުމަށް އީރާނުން ދަނީ ޑިމާންޑް ކުރަމުންނެވެ. ބަދަލަކާ ނުލައި ކަނޑުއޮޅި ހުޅުވުމާ ގުޅޭ ގޮތުން އެއްބަސްވުމުގައި އެއްވެސް މާއްދާއެެއް ހިމަނާފައި ނުވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި އީރާނުން ނިއުކްލިއާ މާއްދާ ނައްތާލުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ. އީރާނުގެ ނޫސް އެޖެންސީ އިސްނާ އިން ހޮނިހިރު ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަލީރޭޒާ ސަލީމީއާ ހަވާލާދީ ބުނެފައި ވަނީ ހުރްމުޒް ކަނޑުއޮޅިގެ މައްޗަށް އީރާނުގެ ކޮންޓްރޯލު އޮންނަ ގޮތަށް ތަންފީޒު ކުރާ ޕްލޭނެއް ވަރަށް އަވަހަށް މަޖިލީހުން ފާސްކުރާނެ ކަމަށެވެ. އީރާނާއި އޮމާން ގުޅިގެން ކަނޑުއޮޅި ބަލަަހައްޓަން ނިންމާފައިވާ ކަމުގެ ރިޕޯޓުތަކެއް އާންމުވުމާ ގުޅިގެން، އެކަން އެގޮތަށް ކުރާނަމަ އޮމާނަށް އަސްކަރީ ހަމަލާ ދޭނެ ކަމަށް ޓްރަމްޕް މީގެކުރިން ވަނީ އިންޒާރު ދެއްވާފައެވެ. ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތައް ނިމުމަކަށް ގެނައުމުގެ ދާއިމީ އެއްބަސްވުމަކާމެދު މަޝްވަރާ ކުރަމުން އަންނައިރު، އޭޕްރީލް އަށްވަނަ ދުވަހުން ފެށިގެން ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ