(ނ.މާޅެންދޫ) މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ކަރަންޓްގެ މައްސަލައެވެ. ރައްޔިތުންގެ އަމިއްލަ މަސައްކަތުން ބިނާ ކުރި އިންޖީނުގެއިން ރަށަށް ކަރަންޓް ދެމުން ދަނިކޮށް އިންޖީނުގެ ޔުޓިލިޓީޒް ކުންފުނީގެ ދަށަށް އަދި އެއަށްފަހު ފެނަކައިގެ ދަށަށް ބަދަލުވެގެން ހިނގައްޖެއެވެ. ނަމަވެސް ކަރަންޓްގެ މައްސަލަ އަށް އެއްވެސް ތަރައްޤީއެއް ނައިސް ދުވަހަކަށް ވުރެ ދުވަހަކު ކަރަންޓްގެ ހާލަތު ދަށަށް ދަމުން ދިއުމަކީ މިރަށު ރައްޔިތުންގެ އެންމެ ބޮޑު ބޮލުގެ ރިހުމެވެ.
މިރަށު ކައުންސިލްގެ ރައީސް އިސްމާއިލް ފަޔާޒް ވިދާޅުވާ ގޮތުގައި ރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް "މިހާރުން މިހާރަށް ފިޔަވަޅު އަޅަން" އެބަޖެހެއެވެ.
މާޅެންދޫގެ ކަރަންޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މީގެ 16 އަހަރު ކުރިން ރަށުގައި އަޅާފައިވާ ކަރަންޓް ނެޓްވޯކްގެ ފެންވަރު ދަށްވުމެވެ. ރަށަށް ކަރަންޓް ދިނުމަށް އަޅާފައިވާ ނެޓްވޯކަކީ މިހާރު ރަށަށް އައިސްފައިވާ ތަރައްޤީ އާއި އެކު ރައްޔިތުން ބޭނުން ކުރަމުންދާ އިލެކްޓްރޯނިލް އާލާތްތަކަށް އެކަށިގެންވާ ފަދަ ކަރަންޓެއް ފޯރުކޮށްދެވޭ ފަދަ ނެޓްވޯކަކަށް ނުވެއެވެ.
ނަތީޖާއަކަށް ވެފައި ވަނީ ކުއްލިކުއްލި އަށް ރަށުން ކަރަންޓް ކެނޑި އިލެކްޓްރޯނިކް އާލާތްތައް ހަލާކުވުން އާންމު ކަމަކަށްވެ އެތައް ގެއްލުންތަކެއް ރައްޔިތުންނަށް ލިބެމުން ދިއުމެވެ.
ކައުންސިލް މެންބަރު މުހައްމަދު ޝާހް ވިދާޅުވީ "ކުއްލިކުއްލި އަށް ކަރަންޓް ކެނޑުމުގެ ސަބަބުން އެތައް އެއްޗެއް ހަލާކުވެ އެތައް ހާސް ރުފިޔާއެއްގެ ގެއްލުން ރައްޔިތުންނަށް ދަނީ ލިބެމުން" ކަމަށެވެ.
ކައުންސިލްގެ ރައީސް ފަޔާޒް ވިދާޅުވީ ރަމަޟާން މަސް ތެރޭގައި ވަރަށް ގިނައިން ކަރަންޓް ކެނޑުމުގެ ސަބަބުން ހަމައެކަނި ކައުންސިލް އިދާރާ އިން ހަލާކުވި ތަކެތީގެ އަގު ވެސް ތިރީސް ހާހަށް އަރާ ކަމަށެވެ. "ވަރަށް ގިނަ ގެތަކުން އަޅުގަނޑުމެންނަށް ޝަކުވާ ލިބިފައި އެބަހުރި ޓީވީ އާއި ކޮމްޕިއުޓަރާއި، އައިސްއަލަމާރިއާއި، އަވަނާއި މިފަދަ އެތައް އެއްޗެއް ހަލާކުވެގެން. ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި ރައްޔިތުންނަށް." ފަޔާޒް ވިދާޅުވިއެވެ.
މާޅެންދޫ އާންމު ރައްޔިތަކު ވެސް ބުނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ކަރަންޓްގެ މައްސަލަ ކަމަށެވެ. "ކަރަންޓްގެ މައްސަލަ އެންމެ ބޮޑީ. ކަރަންޓްގެ މައްސަލަ ހައްލު ކުރަން ވެސް މަސައްކަތް ކުރާތަނެއް ނުފެނޭ. ދުވާލަކު ހައެއްކަ ފަހަރު ވެސް ކަރަންޓް ކެނޑޭ ދުވަސްތައް އެބައާދޭ." އޭނާ ބުންޏެވެ.
މާޅެންދޫ އަށް ދިމާވެފައިވާ އަނެއް މައްސަލައަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ރަށުގެ އިންޖީނުގެ ހުރުމެވެ. އިންޖީނުގޭގެ އަޑުގެ ސަބަބުން ކައިރީގައި ހުރި އެތައް ގެއަކަށް އުނދަގޫ ވާއިރު އިންޖީނުގެއިން އަރާ ދުމުގެ ސަބަބުން ކައިރި ސަރަހައްދުތަކުގައި ދިރިއުޅެން ދަތިވާ ހިސާބަށް ކަންތައްތައް ވަނީ ގޮސްފައެވެ.
އިންޖީނުގެ އާއި ވަރަށް ކައިރީގައި ދިރިއުޅޭ އާއިލާއެއްގެ ފަރާތުން ވާހަކަދެއްކި ޝަކީލާ ބުނީ ގޭގެ ހުރިހާ ދޮރެއް ލައްޕައިގެން ވެސް ދިރިއުޅެވޭ ވަރުނުވާ ކަމަށެވެ.
"ހާއްސަކޮށް އިރުވައި މޫސުމުގައި ގޭތެރެ އޮންނަނީ އެއްކޮށް ކަޅުވެފައި. އެއީ ހުރިހާ ދޮރެއް ލައްޕައިގެން އުޅޭއިރު ވާވަރު. ގޭތެރޭގައި ވެސް އުޅެން ޖެހެނީ ފައިވާނާއި އެކު." ޝަކީލާ ބުންޏެވެ.
ޝަކީލާ ބުނީ އޭނާގެ މަންމަ ބަަލިވެގެން ޑޮކްޓަރަށް ދެއްކުމުން ސިނގިރޭޓް ބޯތާ ކިހައި ދުވަހެއް ވެއްޖެއްތޯ ޑޮކްޓަރު ސުވާލު ކުރި ކަމަށެވެ. "މަންމަގެ އެތެރެހައްޓަށް ދުމުގެ އަސަރު ކޮށްފައި ވަނީ އެވަރަށް. ހަމަ އިންޖީނުގެއިން އަރާ ދުމުގެ ސަބަބުން" އޭނާ ކިޔައި ދިނެވެ.
ޝަކީލާ ބުނީ ގޭގެ ކުދިންނަށް ވެސް ކުޅެލަން ގޭގެ ގޯތި ތެރެއަށް ވެސް ނިކުމެ ނުލެވޭ ކަމަށާއި ގޭގެ ހުރިހާ އެންމެން ނޭވާ ހިއްލާ ކަމަށެވެ.
"އަޅުގަނޑުމެން ފާއިތުވި ވިހި އަހަރު މިޝަކުވާ މިކުރަނީ. ކުރިން ރަށު އޮފީހަށް މިހާރު ކައުންސިލް އިދާރާ އަށް ވެސް ޝަކުވާ ކުރަން. ޔުޓިލިޓީޒް ކުންފުންޏަށާއި ފެނަކަ އަށް ވެސް އަޅުގަނޑުމެން ޝަކުވާ ހުށަހަޅައިފިން. ޔުޓިލިޓީޒް ކުންފުނިން އޭރު ވިދާޅުވަނީ އިންޖީނުގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް. ދެން ފެނަކަ އަށް ވެސް އެތައް ސިޓީ އެއް ލެވިއްޖެ. ނަމަވެސް އެއްވެސް ސިޓީއެއްގެ ޖަވާބެއް ނުލިބޭ. މިހާރު ކައުންސިލް އިދާރާ މެދުވެރިކޮށް އެޗްއާރްސީއެމް އަށް ވެސް މިކަމުގެ ޝަކުވާ ހުށަހެޅިތާ ދެމަސް ވެދާނެ. އަދި އެއްވެސް ޖަވާބެއް ނުލިބޭ" ޝަކީލާ ބުންޏެވެ.
މާޅެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރު ހިސާބަކަށް އިންޖީނުގެ ބަދަލު ކުރުމަށް ބޭނުންވާ ބިން ވެސް މިހާރު ކައުންސިލުން ހަމަޖައްސާ ދެއްވާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"މިސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭ. އަޅުގަނޑުމެން ވާނީ އެކަން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށް އެތައް ފަހަރެއްގެ މަތިން ފޮނުވާފައި. އަތޮޅު ކައުންސިލާއި ވެސް ވާނީ އެމައުލޫމާތު ހިއްސާ ކުރެވިފައި. ނަމަވެސް އަދި ހައްލެއް ލިބޭނެ ގޮތެއް ނުވޭ." ކައުންސިލްގެ ރައީސް ފަޔާޒް ވިދާޅުވިއެވެ.
މާޅެންދޫ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރ އިބްރާހިމް އިލްޔާސް ވިދާޅުވީ މާޅެންދުއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ އިން ޕްލޭންތައް ގެންގުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ކަރަންޓްގެ މައްސަލަ ހައްލުވާނީ ކޮންއިރަކުން ކަން ދަންނަވަން ނޭނގޭ ކަމަށެވެ.
"ކަރަންޓަށް ދިމާވެފައިވާ މައިގަނޑު މައްސަލަ އަކީ ނެޓްވޯކަށް ގިނަ ދުވަސްތަކެއް ވެފައިވުމުން ކަރަންޓް ކެނޑުމުގެ މައްސަލަ. އެމައްސަލަ ހައްލު ކުރެވެން އަންނަނީ އާކޭބަލް އަޅައިގެން. އެކަން ފެށޭނެ ސީދާ ދުވަހެއް ދަންނަވާކަށް ނޭނގޭ. ނަަމަވެސް އެމަސައްކަތް ކުރިއަށްދާ ކަމުގެ މައުލޫމާތު ހެޑްއޮފީހުން ވަނީ ދެއްވާފައި." އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާޅެންދޫ އިންޖީނުގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ ޕްލޭނެއް ވެސް ފެނަކަ އިން ގެންގުޅުއްވާ ކަމަށެވެ. "ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި މިފަދަ 52 އިންޖީނުގެ އެއް ބަދަލު ކުރުމުގެ ޕްލޭނެއް ފެނަކައިން ގެންގުޅުއްވާ. އޭގެ ތެރޭގައި މާޅެންދޫ އިންޖީނުގެ ވެސް ހިމެނޭ. ނަމަވެސް އެމަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދި އަޅުގަނޑަށް ވެސް އަންގަވާފައެއް ނެތް." އިލްޔާސް ވިދާޅުވިއެވެ.
މާޅެންދޫ ކައުންސިލްގެ ރައީސް ފަޔާޒް ވިދާޅުވީ ރައްޔިތުން ތިބީ ކަރަންޓްގެ މައްސަލަ އަށް އަވަސް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށާއި މިހާރު ވެސް ރައްޔިތުން އެކަމަށް ވަރަށް ދިގު އިންތިޒާރެއް ކޮށްފި ކަމަށެވެ.
ކަރަންޓްގެ ޚިދުމަތަކީ އެންމެ އަސާސީ އެއްޚިދުމަތައް ވާއިރު ކަރަންޓްގެ ޚިދުމަތް ރަނގަޅަށް ނުލިބުމަކީ އެތައް ދައްޗަކާއި ކުރިމަތިވާނެ ކަމެއްކަން ޔަގީނެވެ. އެހެންކަމުން މިފަދަ އަސާސީ ޚިދުމަތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅާ ރައްޔިތުންގެ ޝަކުވާތަކަށް ނިމުން ގެންނަން މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
"ވަގުތު" ގެ ފަރާތުން ނ.އަތޮޅަށް ކުރަމުންދާ ހޭރިޔާ ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމް ޕާޓްނަރ އަކީ އުރީދޫއެވެ.
މާޅެންދޫ ކަރަންޓްގެ ހާލަތު ދަށްވެ ރައްޔިތުން އެތައް އުނދަގުލެއްގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ