މައުމޫން ނެތި އެޕާޓީގެ ކައުންސިލް ބައްދަލުވުންތައް ނުބޭއްވޭނެކަމަށް އަންގައިފި

ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ނުރަސްމީ ދަތުރުފުޅެއްގައި މާދަަމާ ރާއްޖެއިން ބޭރަށް ފުރައިވަޑައިގަންނަވާގޮތަށް ހަމަޖެހުމާއި ގުޅިގެން އެ ޕާރޓީގެ ކައުންސިލް ބައްދަލުވުންތައް ނުބޭއްވޭނެކަމަށް އަންގައިފިއެެެވެ.
އެ ޕާރޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕާރޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގެ ތެރޭގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެކަމަށާއި، އެ މަނިކުފާނު އެނބުރި ވަޑައިގެން އަސާސީ ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ) ވާގޮތުގެ މަތީން، ޕަރޓީގެ ރިޔާސަތުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ހުންނަވާ ދުވަސްތަކުގައިވެސް އެ ޕަރޓީގެ ހިންގުމުގެ ކަންކަން ގެންދަވާނީ ސީދާ އެމަނިކުފާނުގެ ދަށުންކަމަށް އެ ބަޔާނުގައިވެއެވެ.
އިތުރަށް އެ ބަޔާނުގައި ވަނީ 30 ޖޫން އިން ފެށިގެން ރައީސް މައުމޫން އެ ޕަރޓީ އިސްލާހްކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ޕާރޓީގެ ނިޒާމް އިސްލާހް ކުރުމުގެ ބައިގެ ތެރެއިން މިހާރު ކުރައްވާ މަސައްކަތަކީ ޕާރޓީގައި ތިބީ ސައްހަ މެމްބަރުންތޯ ބެލުމާއި، ޕާރޓިގެ ސައްހަ ގޮފިތައް އަދި ޕާރޓީގެ ގޮފިތަކުގެ މަގާމްތައް ކަށަވަރުކުރުމާއި، ޕާރޓީގެ ގުނަަވަންތަކާއި ކޮމިޓީތަކުގެ ހާލަތު ދެނެގަނެ އެ ގުނަވަންތަކާއި އެ ކޮމިޓީތަކަށް ދިމާވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުންކަމަށެވެ.އަދި އެ މަސައްކަތުގެ ކަނޑައެޅުފައިވާ ޓައިމްލައިން ނިންމާލެވޭނެކަމަށް ދެކޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"މި ފުރުސަތުގައި ގޮފިތައް ހިންގާ ކޮމިޓީއާއި ޕާރޓީގެ ގުނަވަންތަކާއި އާންމު މެމްބަރުންގެ ފަރާތުން ޕާރޓީގެ މި އިސްލާހީ މަސައްކަތަށް ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ" ޕީޕީއެމްގެ އެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ