އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދިފާއުގައި އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުމެއްޖެއެވެ.
ޕީޕީއެމް ހިންގުމަށް ރައީސް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާންކޮށް، ބައެއް ބަދަލުތައް ގެންނާނެކަން ހާމަކުރުމާއެކު، އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީން ވަކިކޮށްފައެވެ.
ރައީސް ޔާމީން މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އެ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަލީހު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ވަޑައިގެންނެވި ސަބަބެއް ކަމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކަންކަމުގައި ޔާމީންގެ މަޝްވަރާ ނުހޯދުމާއި ޕީޕީއެމް ހިންގަން ލީޑަޝިޕުން ބޭނުން ނުވުމާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރުން ކަމަށެވެ.
ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި އިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީވެސް ޔާމީނެވެ. އެހެންވެ، ރައީސް މުއިއްޒުގެ ދިފާއުގައި މީގެ ކުރިން ޔާމީނަށް ވަފާތެރި ގިނަ ބަޔަކުވެސް ވަނީ ނުކުމެފައެވެ.
އެގޮތުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި މިއަދު "އެކްސް" ގައި ޕޯސްޓެއް ކުރައްވައިފައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ސައީދު ވަނީ، ރައީސް މުއިއްޒަކީ ގިނަ ވަގުތު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަގުތު ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށްގެންދަވާފައި. އަޅުގަނޑަށް ފާހަގަވީ، ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި،" ސައީދު ވިދާޅުވިއެވެ.
ސައީދުގެ އިތުރުން މި ސަރުކާރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރަކަަށް ހުންނަވާ އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި އެކަމަށް ވަކި މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ މަގުސަދުގައި ކަމަށެވެ.
އޭގެ އިތުރުންވެސް ބައެއް ބޭފުޅުން ގެންދަވަނީ، ރައީސް މުއިއްޒުގެ ސަރުކާރު ދިފާއުކުރެއްވުމަށް "އައިސްޓޭންޑްވިތުމުއިއްޒު" ހޭޝްޓެގްގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއްވެސް ކުރިއަށްގެންދަވަމުންނެވެ.
ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެމަނިފާނުގެ ފޮޓޯފުޅު ވިއްކައިގެން ރައީސް މުއިއްޒު ވެރިކަމަށް އައިސް ޕީޕީއެމަށްޓަކައި މަގުމަތީގައި މަސައްކަތްކުރި އެތައް ރައްޔިތުންނެއް ބިކަކޮށްލީއެވެ. އަދި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށްވެސް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.
ޔާމީން ވަކިވުމުން ރައީސް މުއިއްޒުގެ ދިފާއުގައި ސަޕޯޓަރުން ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ