ސައުދީ ލީގުގައި ބެންޒެމާގެ ފުރަތަމަ ހެޓްރިކާއެކު އަލް އިއްތިހާދު ފަސްވަނައަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ އަމިއްލަ ދަނޑުގައި އަބާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް އިއްތިހާދުން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކަރީމް ބެންޒީމާ އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
Advertisement
މެޗުގެ ދެވަަނަ ހާފުގައި އަބާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މިހާފުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވާޑް ކާލް ޓޯކޯ އެކަމްބާއި އެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އިއްތިހާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އިގޯ ކޮރޮނާޑޯ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި އަލް އިއްތިހާދުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބުކުރިއިރު އޭގެ ދެމިނެޓު ފަހުން އުތުރު ލަނޑެއް ކާމިޔާބުކޮށް ބެންޒެމާ ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 11 މެޗުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ.
އަބާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ފަހާދު ޖުމައްޔާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 13 މެޗުން އަލް އިއްތިހާދަށް 24 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަބާ އިން ލީގުގައި ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ 13 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ