ރައީސް މުއިއްޒު އަޒުލުކުރުމުގެ މަސައްކަތް ހުއްޓާލުމަށް ގާސިމް ގޮވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވަނީ ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން އެކަން ނުކުރެވޭނެ ކަމަށް ގާސިމު ވިދާޅުވި އެވެ."ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި އެވަނީ މެންބަރުންގެ އަދަދު ކަނޑައަޅާފައި. އެހެންވީމާ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލަކުން އެކަމެއް ނުކުރެވޭނެ،" މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމު ވިދާޅުވި އެވެ.މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވާއިރު ގާސިމު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށްވެސް އަދި ރުހުން ނުދެވޭކަން ފާހަގަކުރައްވާފަ އެވެ."އެމްޑީޕީގައި މެޖޯރިޓީ އޮތީމަ ތިބޭފުޅުން މަޖިލީހުގެ ގަވާއިދަށް އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރު ކަމެއް އެއީ. އެމްޑީޕީއަށް ވެރިކަން ނުލިބުނީމަ ރައީސުލްޖުމްހޫރިއްޔާއަށް އައި ބޭފުޅަކު މަގާމުން އަޒުލުކުރަން ނައިބާއެކު އެކަން ކުރަން ވިސްނާ ވިސްނުމެއް އޮތް ކަމަށް ޕަބްލިކްގެ ތެރޭގައި ބައެއް މީހުން ވާހަކަ ދެއްކުމުގެ ޖާގަ އެބަލިބޭ މިހާރު،" ގާސިމު ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ގަވާއިދު އިސްލާހު ކުރުމަށްކުރާ މަސައްކަތް ހުއްޓާލުމަށްވެސް ގާސިމު ވަނީ ގޮވާލައްވާފަ އެވެ. ގާސިމް ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ނުލިބުމުން، މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެފަދަ އިސްލާހުތަކެއް ފާސް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.އެހެންކަމުން ގާސިމް ވަނީ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ފޮނުވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ