ކެމްޕޭނަށް އެންމެ ބޮޑު ހަރަދެއް ނާޒިމާއި ގާސިމް؛ ވޯޓަކަށް 6،000ރ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެންމެ ބޮޑު ހަރަދެއް ކުރެއްވީ އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ކެންޑިޑޭޓުން ހުށަހެޅި މާލީ ބަޔާންތަކުން ހާމަވެއްޖެ އެވެ. 
ވީ ކިހިނެއް؟ - މާލީ ބަޔާންތަކުގައި ހިމަނާފައި ހުރި ހިސާބުތަކަށް ބަލާއިރު، ރިޔާސީ އިންތިހާބުގެ ދެ ބުރު ހިމެނޭ ގޮތުން އެންމެ ބޮޑު އަދަދެއް ހަރަދުކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ، ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމާއި މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ހަރަދުކުރައްވާފައިވާ އަދަދަކީ: 
ގާސިމް - 19.9 މިލިއަން ރުފިޔާ 
ނާޒިމް - 13.1 މިލިއަން ރުފިޔާ 
ތަފްސީލް - އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތުން ކެމްޕޭނަށް އެންމެ ބޮޑު ހަރަދެއް ކުރެއްވި ކަމަށް ދައްކަނީ ނާޒިމް އެވެ. އެގޮތުން: 
ނާޒިމްއަށް 1،907 ވޯޓް ލިބިވަޑައިގެންނެވި އިރު، ހަރަދުކުރެއްވި ވަރަށް ބަލާއިރު އެއީ ވޯޓަކަށް 6،857ރ. ޖެހޭ ވަރުގެ އަދަދެއް
ޖޭޕީގެ ފަރާތުން ވާދަކުރެއްވި ގާސިމްއަށް 5،460 ވޯޓް ލިބިވަޑައިގެންނެވި އިރު، ހަރަދުކުރި ވަރަށް ބަލާއިރު އެއީ ވޯޓަކަށް 3،654ރ. ޖެހޭ ވަރުގެ އަދަދެއް
އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ދިނުުމުގެ ހައްގު ލިބިފައި ވަނީ 282،395 މީހުންނަށެވެ. އޭގެ ތެރެއިން %79.85 މީހުން ވޯޓްލާފައިވެ އެވެ. އެއީ 225،486 މީހުންނެވެ. 
ކެންޑިޑޭޓުން ހުށަހެޅުއްވި މާލީ ބަޔާންތަކަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ދެ ވަނަ ބުރަކަށް ވަޑައިގަތީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. 
ދެ ބުރު ކުރި ކެމްޕޭންތަކުގެ ހަރަދަށް ޖުމްލަ 45.9 މިލިއަން ރުފިޔާ ކެންޑިޑޭޓުން ހަރަދުކުރައްވާފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކަ އެވެ. އެގޮތުން، ކެންޑިޑޭޓުން ހަރަދު ކުރެއްވި އަދަދުތަކުގެ ގޮތުގައި އެ ރިޕޯޓްތަކުގައި ބުނެފައި ވަނީ: 
އެމްޑީޕީގެ ކެންޑިޑޭޓް، އޭރުގެ ރައީސް ސޯލިހު - 6.8 މިލިއަން ރުފިޔާ
ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް މުއިއްޒު - 2 މިލިއަން ރުފިޔާ
އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން - 1.2 މިލިއަން ރުފިޔާ
ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު - 2.5 މިލިއަން ރުފިޔާ
އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް - 13.1 މިލިއަން ރުފިޔާ
އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް - 16،259.68ރ. 
އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު - 285،950ރ. 
ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް - 19.9 މިލިއަން ރުފިޔާ 
އެހެންކަމުން، ރިޔާސީ އިންތިހާބަށް ހުރިހާ ކެންޑިޑޭޓުން ހަރަދު ކުރެއްވި ޖުމްލަ އަދަދުން ބަލާ ނަމަ، ޖުމްލަ ވޯޓްލީ އަދަދު ކަމަށްވާ 225،486 މީހުންގެ ބޮލަކަށް ޖެހެނީ 203ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ