ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން އިންޑިއާއިން ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް އަދަދު އާ ވާހަކަ ދެއްކި ދެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ސަރުކާރުން ރަސްމީކޮށް އެކަމާމެދު އެއްޗެއް ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވާނީ ޖުލައި 25، ގަ އެވެ. އަދި ޖުލައި 26، ގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ފުރާވަޑައިގަންނަވާނީ ހަމަ އެ ދުވަހު ކަމަށް އެނގިފައިވެ އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭގެ ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންނެވި ދަތުރެއްގައި ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.
އިންޑިއާއާއެކު ގުޅުން ބަދަހިކޮށް، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވިއިރު، އެމަނިކުފާނު ނޮވެމްބަރު 17، 2023، ގައި ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕެއިނަކުން ތާއީދު ހޯއްދަވައިގެންނެވެ.
ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ، ބަލި މީހުން އުފުލުމަށާއި ކަނޑަށް ގެއްލޭ މީހުން ހޯދަން ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އިންޑިއާއިން ދުއްވަމުން އައި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ޖެނުއަރީ، 2024، ގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު ވެސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދިނެވެ. އިންޑިއާއަކީ ރާއްޖެ ބުލީ ކުރާ ގައުމެއް ކަމަށް ވެސް އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ބޭސް އިންޑިއާއިން ގެންނާތީ އެއީ ވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އިންޑިއާއަސް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަންޖެހެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އޭގެ ފަހުން އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވީ ރާއްޖޭގެ މާލީ ހާލަތު މެނޭޖު ނުކުރެވި، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާން ފެށުމުންނެވެ. އެއިރު، ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިން އަދަދު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވެއްޓުނީ، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސަރުކާރުގެ އޮފިޝަލުންތަކެއް މަލާމާތްކޮށް، ސޯޝަލް މީޑިއާގައި މެސެޖުތަކެއް ޝާއިއު ކުރުމުން، އެއާ ވިއްދައި އިންޑިއާގެ އާންމުން ކުރި ކެމްޕެއިނަކަށްފަހެވެ.
މިނިވަން ދުވަހަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ މިނިވަން ދުވަހަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ