މާލީ އަނދަވަޅެއްގައި އޮތް އެމްއެމްޕީއާރުސީގެ ނަން ''ވިޒިޓް މޯލްޑިވްސް''އަށް
މާލީ ބޮޑު ގެއްލުމަކަށް ވެއްޓި، ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް މިއަދު ބަދަލުކުރައްވައިފިއެވެ. ރައީސްގެ ގަރާރުގައިވަނީ އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސްއަށް ބަދަލުކުރައްވައި، އެ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެންނަން އެކަށައަޅާފައިވާ ބަދަލުތައް ގެނައުމަށް ނިންމަވައިފައެވެ. "މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ ސަރުކާރުގެ ކުންފުނީގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމަށް ބަދަލުކޮށް، މި ގަރާރު އެކަށައެޅީމެވެ" ރައީސްގެ ގަރާރުގައިވެއެވެ. އެމްއެމްޕީއާރުސީގެ ނަން ރަސްމީ ގޮތުން ވިޒިޓް މޯލްޑިވްސްއަށް ބަދަލުކުރިއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުންޏެވެ. ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރު ކުރުމަށް އެ ކުންފުނިން ގެންދަނީ ދުނިޔޭގެ އެކި ފެއާތަކުގައި ބައިވެރިވެ، ރާއްޖޭގެ ސަގާފަތާއި ޝައުގުވެރި ކަންކަން ދައްކައިލަމުންނެވެ. ފަތުރުވެރިކަން އެކި މާކެޓުތަކަށް އިޝްތިހާރު ކުރުމަށް ޓަަކައި އެ ކުންފުނިން ވަނީ މި ފަހުން އިނގިރޭސި ފުޓުބޯޅަ ކްލަބް، ލިވަޕޫލާ އެކު ވެސް އެއްބަސްވުމެއް ހަދައިފައެވެ. އަދި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ކެޓްރީނާ ކައިފް، ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރު ކަމަށް އައްޔަނުކޮށް، އެއްބަސްވުމެއް ހަދައިފައިވެއެވެ. އެމްއެމްޕީއާރުސީ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010ވަނަ އަހަރުގެ މާޗު ހަތަރުވަނަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަަހު ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ވެސް ސަރުކާރަށް ބަރޯސާވާން ޖެހޭކަމާއި، މިއީ ކުންފުންޏަކީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާކަން އެނގޭ ކަމެއް ކަމަށް ވެސް ރިޕޯޓުގައިވެއެވެ. https://sun.mv/208085 އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ, ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލު އެފްސީގެ ސްޕޮންސާޝިޕަށެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް އެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެކަމަށް އެމްއެމްޕީއާރުސީން މި އަހަރު 20.6 މިލިއަން ރުފިޔާ ޚަރަދު ކުރަން ހިމަނާފައިވެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި މާލީ ގެއްލުމަކަށް ވެއްޓުނީ ކުރީ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުންނެވެ. އެމްއެމްޕީއާރުސީއަކީ މި ފަހުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްކޮށް ހުންނަވައިގެން, އެ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭގޮތަށް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ ކޮރަޕްޝަނުން ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ