މިހަފުތާ ބަންދުގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސް

މިހަފުތާ ބަންދުގެ ނިޔަލަށް މޫސުންް ރާއްޖޭގެ ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -މެޓް އޮފީހުން ބުނެފިއެވެ.
މޫސުން ކުރިއަށް ލަފާކުރާގޮތާ ގުޅޭ ގޮތުން، "ވީނިއުސް"އިން ސުވާލުކުރުމުން، މެޓް އޮފީހުން ބުނީ، ކުރިއަށް މިހަފުތާ ބަންދުގެ ނިޔަލަށް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށެވެ.
ތަފުސީލުކޮށްދެއްވަމުން، މެޓް އޮފީހުގެ މީޓްރޮލޮޖިސްޓަކު ވިދާޅުވީ، މި ހަފުތާ ބަންދުގެ ނިޔަލަށް ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި މޫސުން ލަފާކުރެވޭ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ވައިގެ މިސްރާބު ހުންނާނީ، އުތުރާއި މެދުރާއްޖެތެރެއަށް އިރާއި އިރުދެކުނުންނެވެ. ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 35 މޭލަށް ވައިޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ދެކުނުގެ ސަރަހައްދުތަކުގައި، ވައިގެ މިސްރާބު ހުންނާނީ، ހުޅަނގު ދެކުނާއި ދެކުނުންނެވެ. ވައިގެ ބާރުމިނަށް ބަލާއިރު ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ރާޅުގެ އުސްމިން ހުންނާނީ މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުފަޅުތަކުގައި 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެެއެވެ. ދެކުނުގެ ކަނޑުފަޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ. އެ ސަރަހައްދުގައި ކަނޑުތައް މަޑުވާނެއެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ނިމި، މިހާރު މިވަނީ އިރުވައި މޫސުން ފެށިފައެވެ.
އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެގޮތުން މިހާރު މިއީ އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތެވެ.
މުލަ ނަކަތް ކުރިއަށްދަނީ ޑިސެމްބަރުމަހުގެ 10 އަކުން ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.
މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. އިރުވައި މޫސުމުގެ ނަކަތެއް ނަމަވެސް މިއީ އާންމު ގޮތެއްގައި ވިއްސާރަކުރާ ނަކަތެކެވެ.
ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 8 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ