ލިސާން 17
"އަހަރެން ބޭނުން އެނގެން. ރައާބިލްއާ އަހަރެންގެ ބައްޕައާ އޮތީ ގޮން ގުޅުމެއް؟" ނާވީ އަނެއްކާވެސް ސުވާލުކޮށްލިއެވެ. "ތި ސުވާލު ގޮސް ކަލޭގެ ބައްޕައާ ކުރިނަމަ މާ ރަނގަޅުވީސް." ރައާބިލް ނާވީއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކުވެސް ނާވީއާ ވަތްކެއް ނުވެއެވެ. ކުއްލިއަކަށް ނަމީރުގެ ދަރިފުޅު އޭނާއާ މެދު ޝައުޤުވެރިވަނީ ކީއްވެބާއޭ ރައާބިލްގެ ހިތަށް އަރަމުން ދިޔައެވެ. އަދި އޭނާގެ ޚަބަރު ނާވީއަށް ލިބުނު ގޮތެއްވެސް އެނގެން ބޭނުންވިއެވެ. "ބުނެބަލަ. އަހަރެން އެނގެން ބޭނުންވާތީ މިއައީ." ނާވީ ބުނެލިއެވެ. "ކަލޭ އަހަންނާ މެދު ތިހާ ޝައުޤުވެރިވަނީ ކީއްވެ؟" ރައާބިލްއަށް ބުނެވުނެވެ. ކުޑަ ހައިރާންކަމެއްގެ އަސަރު އޭނާގެ މޫނުމަތީން ފާޅުވެލިއެވެ. "އަހަރެން ކަލޭއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ކުރިން އެކަން އެނގެން އަހަރެން ބޭނުން." ނާވީ ބުނެލި ވާހަކައިން ރައާބިލްއަށް ދެބުމަ ކުޑަކޮށް ގާތްކޮށްލެވުނެވެ. ނާވީގެ ޖުމްލައިގައި ފޮރުވިފައި އެތަކެއް މާނައެއް ވާކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ. އެއާއެކު ރައާބިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާ ފުން ނަޒަރަކުން ނާވީއަށް ބަލައިލިއެވެ. "ކޮން ވާހަކައެއް؟" ރައާބިލްއަށް ޝައުޤުވެރިކަމާއެކު ސުވާލުކޮށްލެވުނެވެ. "އެހަށް އަހަރެންގެ ސުވާލަށް ޖަވާބު ދީ. އެކަން އެނގުން ވަރަށް މުހިންމު. އަހަންނަށް އެނގޭ ކަލޭއާ އަހަރެންގެ ޢާއިލާއާ ގުޅުމެއް ވާކަން. އަހަރެންގެ މާމައާ މަންމައަށްވެސް ކަލޭ އެނގޭ. އަދި ބައްޕަވެސް ކަލޭއާ ބައްދަލުކުރަން އާދޭ…" ނާވީ ބުނެލިއެވެ. އެއާއެކު ރައާބިލްގެ ތުންފަތްމަތީގައި ހިތި ހިނިތުންވުމެއް ދުވެލިއެވެ. އެހެންނަމަވެސް އެ މޫނުމަތީން ނާވީއަށް ފެނުނީ މަލާމާތުގެ އަސަރެކެވެ. "އެމީހުން އަހަންނާ ދޭތެރޭ ޙަމްދަރުދީ ވާކަމަށް ހެދެނީ. ހަޤީޤަތުގައި އެއިން އެކަކުވެސް އަހަރެންގެ ޙާލަކަށް ޙަމްދަރުދީއެއް ނުވޭ!" ރައާބިލް ބުނެލިއެވެ. އަދި އަނެއްކާވެސް ހަށިފުރާ ނޭވާއެއް ލަމުން ކުރިމަތީގައި ހުރި ނަމީރުގެ ދަރިފުޅު ނާވީއަށް ބަލައިލިއެވެ. ރައާބިލްއާ އެމީހުންގެ ޢާއިލާއާ ދެމެދު ބޮޑު ކަންތައްގަނޑެއް ހިނގާފައިވާކަން ނާވީއަށް އެހިނދު ޔަޤީންވެގެން ދިޔައެވެ. އަދި އެ ހުރިހާކަމެއްގެ ތަފްސީލް ދެވޭނެ ހަމައެކަނި މީހަކީ ރައާބިލްކަންވެސް އެނގިގެން ދިޔައެވެ. ސަބަބަކީ އޭނާގެ ބައްޕަ އަދި އާއިލާގެ ފަރާތުން އެ ހުރިހާކަމެއް ހޯދުމަކީ ނާދިރުކަމަކަށް ވާނެތީއެވެ. "އެނގެން ބޭނުމީ އަހަންނާ ނަމީރާ އޮތް ގުޅުން ދޯ. އެހެންވިއްޔާ އަޑު އަހާ…." އެހެން ބުނެލާފައި ރައާބިލް އޭނައާ ނަމީރާ އޮތް ގުޅުން ނާވީއަށް ހާމަކޮށްލިއެވެ. އެއާއެކު ނާވީއަށް އޭނާގެ ދެބުމަ ވެސް ކުޑަކޮށް އުފުއްލައިލެވުނެވެ. ހައިރާންކަމެއް އޭނާއަށް ވެރިވިއެވެ. އެ އަޑު އަހަން ހުުރުމަށްފަހު، ނާވީ އިތުރު ސުވާލެއް ކޮށްލުމަށްޓަކައި އުޅުނު ވަގުތު ފާރަވެރިންތަކެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާ ރައާބިލްއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. "މިވަގުތު ކޮންމެވެސް ބަޔަކު އެބަ އާދޭ. އަހަރެން ކަލޭއާ ބައްދަލުކުރަން މި އައީ ސިއްރުން. އެހެންވީމަ މިވަގުތު މިތަނުގައި ހުރެވޭކަށް ނެތް. އެކަމަކު އަދިވެސް އަހަރެން އަންނާނަން. މިވަގުތު ދަނީ…" އެހެން ބުނެލާފައި ނާވީ އެތަނުން ހިނގައިގަތެެވެ. އެމީހުން އެހިސާބާ އަރާ ހަމަވުމުގެ ކުރިން އެތަނުން ދިޔުމަށްޓަަކައެވެ. އޭނާ އެތަނުގައި ތިބި ސިފައިންތަކަށް ފިލައިގެން ގޮސް ބިންގަރާހުން ނުކުތެވެ. އެއަށްފަހު ހަށިގަނޑުގައި އުފެދުނު އުދާސްތައް ދޫކޮށްލުމުގެ ނިޔަތުގައި ނިތުގައި އަތް ކާތާލަމުން ފުންކޮށް ދެތިން ނޭވާ ލިޔެވެ. ***** ރޭގަނޑުގެ ވަގުތެވެ. ސަމްރާ ފެންވަރުވާފައި ކާންދީ ހަދާފައި ރަނީމް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އަދި އޭނާ ސަމްރާގެ އަތުގައި ހިފައްޓައިލިއެވެ. އެ އަތަށް މަޑުމަޑުން ބާރުކޮށްލުމަށްފަހު، އޭނަ ހިނިތުންވެލިއެވެ. ސަމްރާވެސް ރައްދުގައި ރަނީމްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އޭނާ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލުމާއެކު، ދެލޯ ފެންކަޅިވެގެން ހިނގައްޖެއެވެ. "މަންމާ. ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟" ރަނީމް ކުޑަކޮށް ހާސްވިއެވެ. އޭނާ ސަމްރާގެ ނިތުގައި ވެސް އަތް ޖައްސައިިލިއެވެ. އަނެއްކާ ވެސް ސަމްރާ ހުން އައީބާއޭ ހިތާއެވެ. އެހެންނަމަވެސް އެކަހަލަ އެއްވެސް އަސަރެއް ނަސީބަކުން ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި ރަނީމް ސަމްރާގެ ދެލޯ ފުހެލިއެވެ. "މަންމާ. ނުރޮއިބަ. މަންމަ ތިހެން އަބަދު ރޯތަން ބަލާކަށް އަހަންނަކަށް ފަސޭހައެއް ނޫނޭ. މަންމައަށް ޚިދުމަތްކުރަން ވީމަ އަހަންނަކަށް އުނދަގުލެއް ނުވެޔޭ. މަންމަގެ ހުރިހާކަމެއް ވެސް އަހަރެން މިކޮށްދެނީ ހަމަ ވަރަށް ކުރާ ހިތުންނޭ." ރަނީމް ބުނެލިއެވެ. "މަންމަ… މަރުވެއްޖެ… ނަމަ ދެން ރަނީމްއަށް… ވާނީ…" ސަމްރާއަށް އެ ޖުމްލަ ފުރިހަމަކުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އޭނާއަށް އުނދަގުލުންވެސް ބުނެވުނީ އެހާ ވަރަށެވެ. ސަމްރާ އެ ކަންބޮޑުވަނީ ކޮންކަމަކާ ކަން ރަނީމްއަށް އެނގުމާއެކު އޭނާގެ ހިތުގައިވެސް ރިއްސައިލިއެވެ. އެ ދެލޯ ފެންކަޅިވާން ފެށިނަމަވެސް ކަރުނަތައް ހިންދައިލަން ރަނީމް މަސައްކަތްކުރިއެވެ. މަންމަގެ ނުތަނަވަސްކަމަށް ބޮޅެއް އިތުރުކުރާކަށް ރަނީމްގެ ހިތެއް ނޭދުނެވެ. މަންމައަށްޓަކާވެސް އޭނާގެ ހިތުގެ އުދާސްތައް ސިއްރުކުރަން އެބަ ޖެހެއެވެ. ރަނީމް ސަމްރާގެ އަތުގައި އޭނާގެ ދެ އަތުން ހިފައްޓައިލިއެވެ. އަދި ވާހަކަ ދެއްކިއެވެ. "ތި ކަހަލަ ވާހަކަ ނުދައްކާ މަންމާ…" ރަނީމްއަށް ބުނެވުނެވެ. އެ އަޑުގައިވެސް ވޭނީ އަސަރެއް ވެއެވެ. އޭނާ ހަމަޖެހިލަމުން ސަމްރާގެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދިޔަ ކަރުނަތައް ފުހެލިއެވެ. އިރުކޮޅަކުން ސަމްރާވެސް ހަމަޖެހިއްޖެއެވެ. އެއާއެކު ރަނީމް ހިނިތުންވެލިއެވެ. "މަންމާ…" ރަނީމް ސަމްރާއަށް ގޮވައިލިއިރު، އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. ރަނީމްގެ މޫނަށް ބަލަހައްޓައިގެން ސަމްރާއަށް އޮވެވުނުއިރު، ރަނީމް ބުނާނެ ވާހަކައަކަށް އޭނާ ސަމާލުކަން ދިނެވެ. "މަންމާ… އަހަރެން…" ރަނީމްއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ގޭގެ ދޮރޯށި ހުޅުވައިލި އަޑާއެކު ސަލާމް ގޮވައިލި އަޑު ކަންފަތުގައި ޖެހުނެވެ. ރަނީމް ސަމްރާއަށް ބަލައިލުމަށްފަހު، އެބަ އަންނަމޭ ބުނެފައި ނުކުތެވެ. އޭނާ ގޮސް ބަލައިލިއިރު ދޮރުމަތީގައި ހުރީ ޝާރިފްއެވެ. "ޝާރިފް؟" ރަނީމްއަށް ހައިރާންކަމާއެކު ބުނެވުނެވެ. "ކީއްކުރަނީ މިތާ؟" "ރަނީމް އޮފީހަށް ނުދާތީ މިހެން ދަމުން ކޮބައިތޯ ބަލައިލަން ވަދެލީ." ޝާރިފް ޖަވާބު ދިނެވެ. "އަހަރެން މަންމަ ބަލިވެ އުޅޭތީ ނުދެވެނީ. އެކަމަކު މިހާރު ރަނގަޅު. މި ފެށޭ ހަފްތާގައި އިރާދުކުރެއްވިއްޔާ ނުކުންނާނަން." ރަނީމް ބުނެލިއެވެ. "އެހެންތަ؟ ގެއަށް ވަންނާކަށް ވެސް ނުބުނާނަންތަ؟ ރަނީމް މަންމަ ކޮބާތަ؟" ޝާރިފް ވަށައިގެން ބަލައިލިއެވެ. "އަހަރެން ކުޑަކޮށް ބުރަކޮށް މިއުޅެނީ. މަންމަ އޮތީ ނިދަން އޮށޯވެ." ރަނީމް ބުނެލިއެވެ. އޭނާ ޝާރިފްއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ޝާރިފްގެ މަޤްސަދަކީ ކޮބައިކަން އޭނާއަށް އެނގޭތީއެވެ. ޝާރިފް އެ ހޯދަނީ އޭނާއާ ވާހަކަ ދައްކަން ބަހަނާއެކެވެ. އެ ފުރުސަތު އޭނައަށް ދޭން ރަނީމް ބޭނުން ނުވަނީއެވެ. "ރަނީމްއަށް އަހަންނާ ވާހަކަ ދައްކައިލަން ވެސް އިރުކޮޅަކު މަޑުކޮށެއް ނުލެވޭނެތަ؟" ޝާރިފް އަނެއްކާވެސް އަހައިލިއެވެ. "މިގަޑިއަކު ނޫން. އަހަރެން އަންނަ ހަފްތާގައި އޮފީހަށް ދާނަމޭ ބުނެފީމެއްނު." ރަނީމްގެ އަޑު ކުޑަކޮށް ހަރުކަށިވެގެން ދިޔައީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް އޭނާ ބޭނުން ނޫންކަމެއް ކުރަން ޝާރިފް ބާރު އަޅާހެން ހީވުމުން ނުރުހުންވީއެވެ. "އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވަނީ ކީއްވެތަ؟ އޮފީހުން ފެނުނަސް ރަނީމް ބޭނުމެއް ނުވޭ އަހަންނާ ވާހަކަ ދައްކާލާކަށް." ޝާރިފް ހުރީ ރަނީމްއާ ހަތަރު ކަޅި ހަމަކޮށްލައިގެންނެވެ. އެ ނަޒަރު އެންމެ ފުރަތަަމަ ވަކިކޮށްލީ ރަނީމްއެވެ. "ޝާރިފް ދޭ." ރަނީމް ބުންޏެވެ. އޭނާގެ އަޑުން ރުންކުރުކަން ފާޅުވަމުން ދިޔައެވެ. "ކީއްވެތަ އަހަރެން ދެެކެ ފޫހިވަނީ؟ ރަނީމް އުޅެނީ ކުއްޖަކާ ހަމަ ހަޤީގަތުގައިވެސް ރައްޓެހިވެގެންތަ؟" ރަނީމްއަށް ބަލަން ހުރެފައި ޝާރިފް ސުވާލު އުފެއްދިއެވެ. "ކިހިނެއްވީ؟ އެކަން އަހަރެން ޖެހޭތަ ޝާރިފްއަށް ޔަޤީންކޮށްދޭން." ރަނީމް ދެބުމަ ގޮށްޖަހާލައިފިއެވެ. "ކީއްވެ ތިހާ ރުޅި ތިއައީ؟ އެންމެ ގާތް އެކުވެރިޔާއަށް ވެސް ނޭނގެ ރަނީމްގެ ލޯބިވެރިއެއް ހުންނަކަމެއް. އެހެންވީމަ އެ ސުވާލު ކޮށްލެވުނީ. އަހަރެން ރަނީމްދެކެ ލޯބިވެޔޭ. ރަނީމް އަހަރެންގެ މީހަކަށް ވިއްޔާ ވަރަށް އުފަލުގަ އަހަރެން ރަނީމް ގެންގުޅޭނަން. އަހަންނަށް ފުރުސަތެއް ދޭންވީނު. ކިހާ ލޯބިވާތީތަ މިހެން ރަނީމްގެ ފަހަތުން އުޅޭނީ." ޝާރިފް ބުނެލިއެވެ. "ޝާރިފް. އަހަރެން ބޭނުމެއް ނޫނޭ ޝާރިފްއާ ދޭތެރޭ އެފަދަ ނަޒަރަކުން ދެކޭކަށް. ޕްލީޒް. މިތަނުން ދޭ…. ޕްލީޒް…" ރަނީމްއަށް ބުނެވުނެވެ. އެއްލި ކަޅިއަކުން އެއްފަރާތުން ނޫފެހި އައްޔެއްގެ ހިލަންވިއެވެ. އެއާއެކު އެއީ ނާވީކަން ރަނީމްއަށް ޔަޤީންވިއެވެ. "ހެޔޮނުވާނެ ޝާރިފް. މިތަނުން ދޭ. އަހަރެންގެ ޙަޔާތުން ޝާރިފްއަށް ޖާގަ ދެވޭނެ ގޮތަކީ ނެތް ގޮތެއް." ރަނީމް ބުނެލިއެވެ. ރަނީމްއަށް ބަލަން ހުރެފައި ޝާރިފް އެތަނުން ދާންވެގެން އެނބުރިލިއެވެ. އެއަށްފަހު ދޮރޯށި ހުޅުވާލާފައި ގޮސް ނުކުމެއްޖެއެވެ. ދެން އެތެރެއަށް ވަތްތަން ފެނުނީ ނާވީއެވެ. "ނާވީ…" ރަނީމް ގޮވައިލިއެވެ. "ރަނީމް." ނާވީ ގޮސް ރަނީމްގެ ކައިރީގައި ހުއްޓިލިއެވެ. އަދި ހިނިތުންވެލިއެވެ. ދެންމެ ވީ ކަންތައް ނާވީއަށް އެނގިއްޖެކަން ރަނީމްއަށް ފަހުމްވިއެވެ. އެހެނަމަވެސް ހަމަ ޖެހުނީ ނާވީގެ އެކަމާ ސުވާލެއް ނުކުރުމުންނެވެ. އަދި ނާވީގެ ފަރާތުން ޝާރިފްއަށް ނުރައްކަލެއް ނެތްކަން ވެސް ޔަޤީންވާތީއެވެ. "ވަރަށް ބޮޑަށް މަޢާފުކުރޭ ހަވީރު އަންނާނަމޭ ކިޔާފައި ނާދެވުނީމަ." އެންމެ ފުރަތަމަވެސް ނާވީ މާފަށް އެދުނެވެ. އޭނާ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. "އެނގޭ ނާވީ ނާންނާނީ ކޮންމެވެސް ކަމެއް ވީމަކަން." ރަނީމް ބުނެލިއެވެ. "މަންމަ ކޮބާތަ؟ މިހާރު ރަނގަޅުތަ؟" ނާވީ ސުވާލުކޮށްލިއެވެ. "ހޫމް. ނާވީ… މަންމައާ ބައްދަލުކޮށްލާނީ ކޮންދުވަހަކުންތަ؟" ރަނީމްއަށް އަހައިލެވުނެވެ. "ރަނީމް ވަރަށް ބޭނުންތަ އަހަރެން ރަނީމް މަންމައާއި ބައްދަލުކުރަން؟" ނާވީ ބުނެލިއެވެ. އެއާއެކު، ރަނީމް ބޯ ޖަހައިލިއެވެ. "އެކަމަކު ނާވީ ބޭނުންވަންޏާ ބައްދަލުކުރާނީ..." ރަނީމް ބުނެލިއެވެ. ނާވީއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ ނާވީ ދެކެ ލޯބިވެއެވެ. ނާވީ އޭނާގެ މަންމައާއި ބައްދަލުކުރަން ބޭނުން ނުވާނަމަ އެކަމުގައިވެސް ކޮންމެވެސް ސަބަބެއް ވާނެކަން އޭނާއަށް އެނގެއެވެ. ނާވީގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއްގެ އަސަރު ވެރިވެގެން ދިޔައެވެ. ރަނީމް އެހާ ބޭނުންވާކަމެއް ކުރަން އޭނާ ބޭނުންވިއެވެ. ނަމަވެސް، ހިތް ނުތަނަވަސްވެ ބިރުގަންނަނީ ރަނީމްގެ މަންމައަށް އޭނާގެ ހަޤީގަތް އެނގިއްޖެނަމަ ދެންވާނެ ގޮތަކާ ދޭތެރޭގައެވެ. "އެންމެ ރަނގަޅު. ހިނގާ މަންމައާ ބައްދަލުކުރަން." ނާވީ ބުނެލި ބަސްތައް ޔަޤީންކުރަން ބޭނުންވާ ފަދައަކުން ރަނީމް ބަލަހައްޓައިގެން ހުންނަން ފެށުމުން ނާވީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "ކިހިނެއްވީ؟ އަހަރެން ބޭނުމޭ ރަނީމްގެ މަންމައާ ބައްދަކުރަން." ނާވީ ރަނީމްގެ އަތުގައި ހިފައްޓައިލަމުން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. އޭނާގެ ޖުމްލައާއެކު ރަނީމްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވުމާއެކު އެމޫނުމައްޗަށް ވެރިވި އުޖާލާކަން ނާވީގެ ހިތަށްވެސް ފިނިކަން ގެނެސްދިނެވެ. ރަނީމްއަށް ލިބޭ ކޮންމެ އުފަލަކީވެސް އޭނާއަށް ލިބޭ އުފަލެކެވެ. އޭނާގެ ހިތުގައި ރަނީމްއާ މެދު އުފެދިފައިވަނީ ވަރަށް ވެސް ފުން ޖަޒުބާތުތަކެކެވެ. އެމޫނުމަތީން އަބަދުމެ ނާވީ ދެކެން ބޭނުންވާ އަސަރަކީ އެއީއެވެ. އެ ހިނިތުންވުމާއި ހަމަޖެހުމެވެ. ކޮންމެ ޙާލެއްގައިވެސް ރަނީމްގެ ރައްކާތެރިކަން އޭނަ ކަށަވަރުކޮށްދޭނެއެވެ. އެހާވެސް ބޮޑަށް އޭނާ ރަނީމް ދެކެ ލޯބިވެއެވެ. "އެބަ އަންނަން މަންމަ އޮތީ ހޭލާތޯ ބަލައިލާފައި." ރަނީމް އެހެން ބުނެލުމަށްފަހު، ގޮސް ސަމްރާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބަލައިލިއެވެ. އަދި އޭނާ އެތެރެއަށް ވަދެލިއެވެ. އޭރު ސަމްރާ އޮތީ ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ދެންމެ ގެއަށް އައީ ކާކުހޭ އޭނާގެ ނަޒަރުން ސުވާލުކުރަމުން ދިޔައެވެ. "މަންމާ… އަހަރެން ބޭނުން މަންމައާއި މީހަކާ ބައްދަލުކުރުވަން." ރަނީމްގެ ޖުމްލައާއެކު ސަމްރާ ކުޑަކޮށް ހައިރާންވިއެވެ. "ކާކު؟" ސަމްރާއަށް ބުނެވުނެވެ. ރަނީމްގެ މޫނުމަތީން ފެނުނު އުފާވެރިކަމާއެކު، ސަމްރާގެ މޫނުމަތީން ފެނުނީ ޖެހިލުންވުމެއްގެ އަސަރެވެ. އޭނާގެ ހިތް ނުގޮތަކަށް ތެޅިލުމާއެކު ރަނީމްއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. ރަނީމް އޭނާއާ ބައްދަލުކުރުވަން އެ އުޅެނީ ޚާއްސަ މީހަކާކަން ސަމްރާއަށް ވަގުތުން ނަގައިގަނެވިއްޖެއެވެ. "ދަރިފުޅާ… އެއީ…" ސަމްރާއަށް ބުނެވުނެވެ. އެއާއެކު ރަނީމް ބޯ ޖަހައިލިއެވެ. "ނާވީ…." ރަނީމް ގޮވައިލުމުން ނާވީ އައިސް މަޑުމަޑުން އެތެރެއަށް ވަދެއްޖެއެވެ. އެތެރެއަށް ވަދެގެން އައި ޒުވާނާ ސަމްރާއަށް ފެނުމާއެކު، ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެ ޒުވާނާގެ ފެހިނޫ ކުލައިގެ ދެލޮލެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ