ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އެންމެ ބުއްދިވެރި ގޮތަކީ، ޓެންޑާކޮށްގެން، ސަރުކާރަށް އެންމެ ފައިދާބޮޑު ޕްރައިވެޓް ފަރާތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްކެވި ވާހަކަ ސަރުކާރުން ދޮގުކޮށްފައި ވަނިކޮށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެއާލައިނަކުން އެތަން ހިންގައިފިނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށެވެ. އަދި ރާއްޖެއަށް އިތުރަށް ދަރަނިވެރިވާ ބަދަލުގައި، އަތުގައި ހުރި އެއްޗަކުން ކުއްޔަށް ދީގެން ފައިސާ ހޯދުން ވަރަށް ފައިދާބޮޑުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަޝީދު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އެންމެ ބުއްދިވެރި ގޮތަކީ، ޓެންޑާކޮށްގެން، ސަރުކާރަށް އެންމެ ފައިދާބޮޑު ޕްރައިވެޓް ފަރާތެއް ހޯދުން ކަމަށް ވެސް ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން ސަރުކާރުން އުޅޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޔާމީންގެ ވާހަކަތައް އިޤްތިޞާދީ ތަރައްޤީއަށް ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ދޮގު ކުރައްވާފައެވެ. ސައީދު ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި، އެއާޕޯޓު ވިއްކުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢުގެ 88.7 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ