އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި، ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
އެސްޓީއޯގެ ބޯޑުން ނިންމާފައިވާ ގޮތަށް، ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:00 ގައި ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސްގެ ފޭދޫ ހޯލުގައި ކުރިއަށްގެންދާ އަހަރީ އާންމު ޖަލްސާގައެވެ.
އެ ޖަލްސާގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހިއްސާދާރުންނަށް ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެ ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެސްޓީއޯގެ އޭޖީއެމް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު، މެއި 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އެސްޓީއޯ ގްރޫޕްގެ 2025 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 16.68 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅައި ބަލާ އިރު، 0.5 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އަދި ހަމައެއާއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ރަނގަޅުވެފައިވާކަން އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކައެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅައި ބަލާ އިރު، ދެ އިންސައްތައިގެ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ