ސަރުކާރުން ހެދީ ދޮގު، ބަޖެޓާ އަޅާ ބަލާއިރު ހިސާބު ދިމާނުވޭ: އެމްޑީޕީ

ދައުލަތުގެ ބަޖެޓާ އަޅާ ބަލާއިރު، ސަރުކާރުން އާންމުކުރި ސިޔާސީ މަގާމުތަކުގެ އަދަދު ދިމާނުވާ ކަމަށާއި، ހިސާބު ގޯސް ކަމަށް، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފިއެވެ. ރޭ ދަންވަރު 12:26 ހާއިރު ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ވަގުތު 922 މީހުން ސިޔާސީ މަގާމުތަކުގައި އެބަ ތިއްބެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ މަހު އޭރު ބުނެފައިވާ ގޮތުން ނަމަ 700 އަށް ވުރެ ގިނައެއް ނުވާނެއެވެ. އެހެންކަމުން މިއީ ސަރުކާރުން ބުނި ވަރަށް ވުރެ 222 މީހުން އިތުރު އަދަދެކެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން 2،280 ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވެއެވެ. އޭގެ ފަހުން 248 ސިޔާސީ މުވައްޒަފުން ވަކިކުރި ނަމަ 2،032 މީހުން ތިބޭނެ ކަމަށް އޭނާ އަންދާޒާކުރައްވައެވެ. "އޭގެ ފަހުން ވެސް އެތައް މުވައްޒަފުންނެއް ނަގައިފި. ސަރުކާރުން މިހާރު މި ބުނާގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެއާއި އަދި ހިލާލީގެ އެއްކޮށް 1،100 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށް ލަފާކުރެވޭ. 2023 ނިމުނުއިރު މި އަދަދު ހުރީ 409 ގައި،" އަމީރު ލިޔުއްވާފައިވެއެވެ. "ސަން" އިން ސުވާލުކުރުމުން، ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އިދިކޮޅު މައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަސްލު އަދަދުތައް ފޮރުވާފައި ހުރި ކަމަށް ބެލެވޭ ކަމަށެވެ. ސަބަބެއް ކަމަށް އަނަސް ވިދާޅުވީ، ބަޖެޓު ފޮތުގައި ހުރި އަދަދުތަކާ އަޅައި ބަލާއިރު ރައީސް އޮފީހުން އާންމުކުރި އަދަދާ ދިމާނުވާތީއެވެ. އަނަސް ވިދާޅުވި ގޮތުގައި ސަރުކާރުން ސިޔާސީ މަގާމުތައް ހާމަކޮށްފައި ވަނީ ބެލެވޭ ގޮތުގައި ރައީސް އޮފީހުގައި މަސައްކަތްކުރާ ސިޔާސީ މަގާމުތަކުގެ އަދަދާއި ރައީސްގެ ދެކަނބަލުން ދިރިއުޅުއްވާ މުލީއާގޭގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ އަދަދުތައް ނުހިމަނައެވެ. "އަދަދުތައް ވަރަށް ބޮޑަށް މިހާ ދުވަސް ވަންދެން އެ ހިފެހެއްޓީ އަދަދުތައް އޮޅުވާލަންވެގެން، އޮޅުވާލާފައި އިއުލާނުކުރަން ވެގެން، އަދަދެއް އެނައުންސްކޮށްލީމަ ސަރުކާރަށް ހީވެދާނެ އަސްލު އަދަދު ހޯދަން އުޅޭ ބޭފުޅުން އެހިސާބުން މަޑުޖައްސާލަން، އެހެނެއް ނޫން، އަޅުގަނޑަށް ޔަގީން ހަމަ އެ ބޭފުޅުން މަސައްކަތްކުރައްވާނެ ކަމަށް އަދިވެސް އަސްލު އަދަދު ހޯދަން،" އޭނާ ވިދާޅުވިއެވެ. ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދުތައް އަޅާކިރޭނީ ބަޖެޓާ ކަމަށާއި، ބަޖެޓުގައި ހުރި އަދަދުތަކަށް ބަލާއިރު ސީދާ އަދަދުތައް އުޅެނީ 2،000 އަށް ވުރެ މަތީގައި ކަމަށެވެ. "އެހެންވީމާ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް އޭތި ގަބޫލު ނުއެއް ކުރެވޭ އެއީ ރަނގަޅު އަދަދެއް ކަމަށް،" މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތައް އިތުރުވުމުގެ މައިގަނޑު ކަންބޮޑުވުމަކީ ބަޖެޓުން ނުކަތާވަރުގެ ބޮޑު ހޭދައެއް ސިޔާސީ މަގާމުތަކަށް ކުރާއިރު އެކަށީގެންވާ ނަތީޖާއެއް ސަރުކާރުގެ ފަރާތުން ނުފެނުމެވެ. ރައީސް އޮފީހުން ރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން: ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ވެސް ސަރުކާރުން މީގެ ކުރިން ތަކުރާރުކޮށް ދެކޮޅު ހަދާފައިވެއެވެ. މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޭރު ވިދާޅުވީ، އެ މައުލޫމާތުތައް ސިއްރުކޮށްފައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ، އެ މައުލޫމާތު ހާމަނުކޮށް އޮވެގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ