މީޑިއާ 'ކޮންޓްރޯލް ބިލު' އަނބުރާ ގެންދާކަށް ނުޖެހޭ: ބަންޑާރަނައިބު

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންނަ މަހުގެ 15ގެ ނިޔަލަށް ނިންމަން ވަނީ ފާސްކޮށްފައެވެ. އެ ބިލާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖުކުރަމުންނެވެ. ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލާ ގުޅޭ ގޮތުން އެ އޮފީހުން ކުރި ދިރާސާތަކުން އެ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން ބިލުގައި ހުރި މާއްދާތައް ދިރާސާކުރީއިރުގައި އަދި މިހާތަނަށް މި މަސައްކަތާ ގުޅޭ ގޮތުން މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި އެކިއެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް،" އުޝާމް ވިދާޅުވިއެވެ. "އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް،" އޭނާ ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށެވެ. އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. މީޑިއާ ކައުންސިލުން ފޮނުވި މީޑިއާ ކޮމިޝަންގެ ގާނޫނުގެ ބިލުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުން ތިއްބަވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެސް މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ މި ސަރުކާރަކީ '100 ޕަސެންޓް މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި ބިލުގައި ހުރި ވަކިވަކި މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟ މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ