މީޑިއާ ކޮންޓްރޯލް ބިލަށް ނޫސްވެރިންގެ މަޝްވަރާ ހޯދަން ކޮމިޓީން ބައްދަލުކުރަނީ
މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭގޮތުން ނޫސް މަޖައްލާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ، މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން ރަޖިސްޓްރީކޮށްފައިވާ ނޫސް މީޑިއާތަކާއެކު މަޝްވަރާކުރުމަށް ޓަކައި އަންނަ ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބައްދަލުވުމެއް ބާއްވަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާއެއްގެ ފަރާތުން އެންމެ ނޫސްވެރިއެއް ކަމަށް ވެސް، މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައިވެއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލާ ގުޅޭގޮތުން މީޑިއާ އާ ބައްދަލުކުރަން ނިންމާފައި މި ވަނީ ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ. ނޫސްވެރިންގެ ކަންބޮޑުވުމަކީ ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާއި، މީޑިއާއަށް ހަރުކަށި ފިޔަވަޅު އަޅައި، ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުމަށް މަގުފަހިވާ ގޮތަށް ބިލުގައި މާއްދާތައް ހިމަނާފައިވުމުންނެވެ. އެހެންކަމުން ނޫސްވެރިން ގޮވާލާފައިވަނީ ބިލު އޮތް ގޮތަށް ބޭރުކޮށް، ނޫސްވެރިންގެ މަޝްވަރާއާއި ޚިޔާލާ އެކު އާ ބިލެއް ހުށަހެޅުމަށެވެ. މި ކަމާ ގުޅިގެން ނޫސްވެރިން މިހާރު ވެސް ގެންދަނީ އިހްތިޖާޖުކުރަމުންނެވެ. ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި އޮތީ: މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރަކީ '100 ޕަސެންޓް މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި، ބިލުގައި ހުރި ވަކިވަކި މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަކު ބިލުގެ ހަގީގަތް އޮޅުވާލާ ކަމަށް ބުނެ، ބަންޑާރަނައިބު އަހްމަދު އުޝާމް ރައީސް އޮފީހުގައި މިއަދު ހަވީރު ދެމުންދިޔަ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް، ނޫސްވެރިން ވަނީ އެ ތަނުން ނުކުމެފައެވެ. މިއަދު ހެނދުނު ވެސް ނޫސްވެރިން ރައީސް އޮފީސް ކައިރީގައި ތިބިއިރު، އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ވަނީ އެ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވެސް ނޫސްވެރިން ވަނީ، މީޑިއާ ބިލާ ގުޅޭ ޝަކުވާތައް ސީދާ ރައީސަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ