އީސީއިން ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑޭސީ ފޯމު ބަލައިނުގަންނަން އިއްޔެ ނިންމުމާއެކު އެ މައްސަލަ ރޭ ފަތިހުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ރޭ ފަތިހު 5:15 ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ‏ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފި ކަމުގައެވެ. އަދި މިއަދު ރައީސް ޔާމީންގެ ލީގަލް ޓީމުން ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ޝަރުތު ހަމަނުވާކަމަށް އިއްޔެ އީސީން ކަނޑައަޅާފައިވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރެވި، މަތީ ކޯޓަކުން ނިހާއީ ހުކުމެއް އައިސްފައިނުވާ ދަނޑިވަޅެއްގައެވެ. އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފަހުރި ބައެއް ގަޒިއްޔާތަކުގައި މީހެއްގެ މައްޗަށް ހުކުމެއް އައީ ކަމަށް ބެލެވޭނީ މަތީ މަރުހަލާގެ ކޯޓުތަކުގައި އެމައްސަލައެއް އިސްތިއުނާފް ކުރެވި، އެއީ ނިހާއީ ހުކުމަކަށް ވާހިސާބުން ކަން އެ ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ