އާ ޓާމިނަލް ހުޅުވި ރޭ ޑްރޯންތަކެއް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް ހުށަހަޅައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއަށް އެ ރޭ ބޭނުންކުރި ޑްރޯންތައް މަތީގައި އުދުހެނިކޮށް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެމްއޭސީއެލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.އެމްއެސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ސޮއިކުރައްވާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް ފޮނުއްވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމަށް ޝަރީފްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޝަރީފްގެ ބަހެއް ނުލިބެ އެވެ. ނަމަވެސް އެއީ އެމްއޭސީއެލްއިން ފުލުހަށް ފޮނުވި ސިޓީއެއްކަން ޝަރީފް ވަނީ ބައެއް އެހެން ނޫސްތަކަށް ކަށަވަރުކޮށްެދެއްވައިފަ އެވެ. އަދި ސިއްރު ސިޓީއެއްގެ ގޮތުގައި ފޮނުވި އެ ސިޓީ އާންމުވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން މި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.އެ ސިޓީގައި ބުނިގޮތުގައި، ޑްރޯންތައް ވެއްޓުމުގައި އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ސަބަބުތަކަކީ؛• ރަސްމިއްޔާތުގެ ކުރިން ބޭއްވި ޑްރޯން ޝޯގެ ފުލް ރިހާސަލްގައި އެއްވެސް މައްސަލައެއް ދިމާނުވުން.• ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި މަސައްކަތްކުރި އެހެނިހެން ޓެކްނިކަލް ފަރާތްތަކަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް ގެއްލުން ފަދަ މައްސަލަތައް ދިމާވުން.• ޑްރޯން ޝޯ ނިމުނު ފަހުން ސިސްޓަމް ރީސެޓްކުރި އިރު، ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާނުވެ، ރަނގަޅަށް މަސައްކަތް ކޮށްފައިވާކަން ޑްރޯން ޝޯގެ އޮޕަރޭޓަރަށް ފާހަގަވުން."އެހެން ނަމަވެސް، މި ހާދިސާ ހިނގައިދިޔަ ގޮތް އެ ފަރާތްތަކަށް ވެސް އަދި މި ކުންފުންޏަށް ވެސް މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވެ އެވެ،" އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.އެ ސިޓީގައި ބުނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބުނު ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށާއި އެމްއޭސީއެލުން ޒިންމާވާން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެތީ، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ފުލުހުންގެ ފަރާތުން އެދޭ ކަމަށެވެ.ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއެއްގެ އިތުރުން މާލެ ސަރަހައްދުގެ 19 ތަނެއްގައި ވަނީ އެއް ވަގުތެއްގައި ހަވާއަރުވައިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޓާމިނަލް ހުޅުވުމަށް އެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ތާރީޚީ ހަވާ ދުނިޔޭގެ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ވެސް ޖާގަ ހޯދިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ