ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވާ ޑިސަނަޔަކަ ފުރާވަޑައިގެންފި
ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިރޭ ފުރާވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތުފުޅަކަށް މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔަކަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނާއެކު އަރިހުގައި އެއާޕޯޓަސް ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. ތިން ދުވަހުގެ މުއްދަތަކަށް ޑިސަނަޔަކަ ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކެއް މަޝްވަރާކުރެއްވިއެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ވަކިން ބައްދަލުކުރައްވާފައި ވެއެވެ. މިރޭ ފުރާވަޑައިގަތުމުގެ ކުރިން ލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކަ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް އޭގެ އިތުރުން މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. https://sun.mv/209186 ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭނެއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ