ކެމޮމައިލް 40
"ތިމާގެ ވަގުތުގައި ބަރަކާތް ލެއްވުމަށް އެދޭނަމަ ގިނަގިނައިން އެކަމަށް އެދި ދުޢާކުރާށެވެ. اللَّهُمَّ بَارِكْ لِي فِي سَاعَتِي وَفِي يَوْمِي وَفِي عُمُرِي " *** މަގުގައި ހުރި ބިޔަގަހެއްގެ ދޮށުގައި އެގޭގެ ކުޑަދޮރާއި ދިމާލަށް ބަލަހައްޓައިގެން އުމުރުން ދުވަސްވީ އަންހެނަކު އިނެވެ. އެއްވެސް ހަރަކާތެއް ނެތި ހިމޭނުންނެވެ. ކަޅިވެސް ޖަހާނުލައެވެ. ތުންފަތުގައި ހިނިތުންވުމެއްނެތެވެ. ހަމަ ބަލަހައްޓައިގެން އިނީއެވެ. "އެންމެ ފަހުން އަހަންނަށް ކަލޭ ހުރިތަން ފެނިއްޖެ...." ނަފްރަތުން ކަޅިވެފައިވާ އަޑެކެވެ. އިރުގަނޑެއްފަހުން ޒުބޭރުގެ ބޮޑުދައިތަ ޖަމީލާ ގޮވައިގެން އައިސް ގެއަށް ވައްދާފައި އަވަހަށް ދިޔައީ އެހެން ތަނަކަށް ދާން ލަސްވެފައި ހުރުމުންނެވެ. ޖަމީލާ ވަރުބަލިވެފައި ހުއްޓަސް މޫނުމަތިން ފެނުނީ ހަމަޖެހުމެވެ. އެންމެ ފުރަތަމަވެސް މިރިއަމްގެ މޫނަށް ނަޒަރު ހުއްޓައިލުމާއެކު މަޑުމަޑުން ގޮވައިލިއެވެ. އަދި ކައިރިއަށް އައިސް މޫނުގައި މަޑުމަޑުން ހިފެހެއްޓިއެވެ. ބޮޑުވާއިނގިލިން ލޯ ކައިރީގައި ފިރުމައިލިއެވެ. "މިރިއަމް ކައިވެނިކޮށްފިން. އެކަމަކު މި ލޮލުގައިވަނީ މޮޅިވެރިކަން. މަންމައަށް އެބަފެނޭ........" ބަދިގެއިން ފެންފުޅިއެއް ހިފައިގެން އައި ޒުބޭރުއަށް އެ ޖުމްލަ އަޑު އިވުމުން ހުއްޓުން އެރިއެވެ. މަންމައެއްގެ ޟަމީރު ދޮގެއް ނުބުނާނެއެވެ. "ނޫން މަންމާ. އަހަރެން ހަމަ މުޅިން ރަގަޅު...ހަމަ ކުޑަކޮށް ވަރުބަލިވެފައި ހުރީ...."އޭނަ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. "މިރިއަމް އަބަދުވެސް ބުނަނީ ތިހެން. ހިތާމަކުރިޔަސް ހަމަ ބުނާނީ ރަގަޅޭ.." ޒުބޭރު ބަދިގެއާއި ދިމާލަށް ފަހަތަށް ފިޔަވަޅެއް އެޅީ އެދެމައިންނަށް ވަގުތު ދިނުމަށެވެ. އެތަނުން ދުރަށް ދިޔުމުގެ ނިޔަތެއްނެތެވެ. އެތަނުގައި ދެކެވޭ ކޮންމެ ލަފުޒެއްވެސް ގޭތެރެއަށް އިވިގެންދާނެއެވެ. "މަންމަގެ މޫނުމަތިންވެސް ހަމަ ތިކުލަ ފެނުނީ.."ޖަމީލާގެ އަޑު މަޑުވިއެވެ." ހަމަ ތިހެން...މިރިއަމްގެ ބައްޕައާއި ކައިވެނިކުރި ދުވަހު......." "މަންމަ އުފަލެއްނުވޭތަ އޭރު؟" އޭނަ ސިހޭގޮތްވެފައި މަންމަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. "މަންމަ އޭނައާއެކު ދިޔައީ ވަރަށް ގިނަ އެއްޗެހި ދޫކޮށްލާފައި..."ޖަމީލާ ފަހަރެއްގައިވެސް އެހާ ޒާތީ ވާހަކަތަކެއް ހިއްސާކޮށްފައެއްނެތެވެ. އެއީ ފޮރުވިފައިވާ ބާބެކެވެ. ހުޅުވައިލަން ބޭނުންނުވާ ސަފުހާތަކެކެވެ. އިރުކޮޅެއްވާންދެން ގެއްލިފައި ހުރުމަށްފަހު ލޮލުގެ ވިދުވަރު ރުޖޫއަވިއެވެ."ބައެއްފަހަރު ހީނުކުރާފަދަ އެއްޗެހި ދޫކޮށްލާފައި އަންނަން ލޯބި ބުނާނެ........." ޒުބޭރު ފާރަށް ލެނގިލިިއިރު ކަންކަތުރަށް ބާރުވެލިއެވެ. ޖަމީލާ ސޯފާގައި އިށީދެ ފުން ނޭވާއެއްދޫކޮށްލިއެވެ."ހަމްޒާ ކައިވެންޏަށް ހާޟިރުނުވީ ދޯ..އެކުއްޖާ ފިލާ ރައްކާވީ؟" އޭނަގެ ހިތަށް ލޮޅުމެއް އެރުމާއެކު ކޯތާފަތަށް ފިޔާތޮށިކުލަވެރިވެގެން ދާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނައަށް ނަޒަރު ހިންގައިލެވުނީ ބަދިގެއާއި ވީފަރާތަށެވެ. އޭނަ ހުރި ދިމާލުން ޒުބޭރު ފެންނާން ނެތަސް އެހުރިހާ ވާހަކަތަކެއް އަޑުއިވޭނެކަން ޔަގީންވިއެވެ. "އެކަމަކު މިރިއަމްގެ ލޯ އޭނަގެ ފަހަތުން ދަތުރުކުރިތަން ދެކެފައިވަނީ...."ޖަމީލާގެ އަޑުގައި ކޮންމެހެން ކުށްވެރިކުރާފަދަ ގޮތެއްނެތެވެ. އޭގެފަހުން ވެރިވި ހިމޭންކަން ކަނޑެއްހާ ފުނެވެ. އޭނަ އަވަހަށް މަންމަގެ އަތުގައި ހިފައިލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. "މަންމާ. އެކަމާއި ދެން ނުވިސްނާ. އަހަރެން އަމިއްލަ އިޚުިތިޔާރުގައި މިގޮތަށް ނިންމީ....." ޒުބޭރުގެ އަތްތިލަ ޖީބަށް ކޮށްޕައިލެވުނުއިރު އެ މޫނުގައިވި ޝުއޫރުތައް ކިޔައިލަން ފަސޭހައެއްނޫނެވެ. އޭނައަށް އެވާހަކަތައް އަހަން ބޭނުންނުވިޔަސް އެތަނުން ދެވޭކަށްވެސް ނެތެވެ. "މަންމައަށް އެނގޭ. ބޭނުންވަނީ މިރިއަމް އުފަލުގައި ހުރުން.." ހަމްޒާ ހޮސްޕިޓަލުން ފެނުމުން މިރިއަމްގެ މޫނަށް ވެރިވި ކުލަވަރު ދެނެގަތް ހަމައެކަނި އިންސާނަކީ ޖަމީލާއެވެ. ޖަމީލާ ގޮވައިގެންގޮސް މިރިއަމް ކޮޓަރިއަށް ވަނުމުން ޒުބޭރު ފެންފުޅި ކައުންޓަރުމަތީގައި ބަހައްޓާފައި ހަރުފަތްތަކުން އަރަންފެށިއެވެ. ޖަމީލާ ނަމާދުކޮށްގެން އެތައް އިރެއްވާންދެން ދުޢާކުރަން އިނުމަށްފަހު ގުރުއާން ކިޔަވަންފެށިއެވެ. ހިތުދަސްވާވަވަރަށް މަންމަ ގުރުއާން ކިޔަވައެވެ. ޚާއްސަކޮށް ރޭގަނޑު ބައެއް ސޫރަތްތައް ނުކިޔަވާ މަންމައަށް ނިދޭކަމަކަށް ނުވާނެއެވެ. އެ މަންޒަރުތައް ފެނުމުން އޭނަގެ ހިތުގައި ދީނީ ލޯބި ހިނގައިގަތެވެ. މަންމަގެ ސަބަބުން އަބަދުވެސް ދީނާއިމެދު ހޭލުންތެރިވެ އަޅުކަމަށް ހިތްޖެހެއެވެ. ނަމަވެސް ބައެއްފަހަރު ދުނިޔޭގެ ދަޅައިގާ ޖެހި ނަފުސް އޮޅެނީއެވެ. އެރޭ މިރިއަމް ދިރިއުޅުމުގެ މަގުސަދާއިމެދު ވިސްނިއެވެ. ހަމްޒާގެ ފަހަތުން ދުވަން ހަދައިގެން ހާސިލުވީ ކޯނޗެއްހެއްޔެވެ؟ ވަށައިގެން ފެންނަނީ ހިތަށް ނާރާފަދަ ހާދިސާތަކާއި ހިތާމައާއި މުސީބާތްތަކެވެ. ބޭވަފާތެރިކަމާއި ޚިޔާނާތެވެ. އިންސާނާގެ ނަފުސާއި ރޫހަށް އެންމެ ހަމަޖެހުމާއި އުފާލިބެނީ ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކޮށް ލޯބިވާން ދަސްކޮށްގެންނެވެ. މިރިއަމް އަޒުމް ކަނޑައެޅީ މިރެއިން ފެށިގެން ހުރިހާ ނަމާދުތަކެއް ވަގުތުން ކޮށްގެން ގުރުއާނާއި އަހުލުވެރިވުމަށެވެ. އޭނަގެ މަންމަ އެހާ ބަލިއިރުވެސް އަބަދު އުޅެނީ އަޅުކަން ނުކުރެވިގެންނެވެ. މިރިއަމްވެސް ފޯނު ހުޅުވާލައިގެން އިނދެ ރަހުމާން ސޫރަތް ކިޔަވަންފެށިއެވެ. ހިތުދަސްކުރުމުގެ މަގުސަދުގައެވެ. *** ނިދާ ބޮކިތައް ނިވާލާފައި ހުއްޓަސް ކޮޓަރީގެ ފަރުދާތައް ފުރާނާލަފައި ހަނދުވަރުގެ އަލި ކޮޓަރިތެރެއަށް އެޅިފައިވިއެވެ. ޒުބޭރު ބިންމަތީގައި އަޅާފައިއޮތް ގޮދަޑީގައި ޖައްސައިލީ މިރިއަމްގެ އަރާމު ނިދިން މަހުރޫމްނުކުރުމަށް ކަމުގައި ބުނެފައެވެ. ލޯ މަރާލައިގެން ނިތްމަތީގައި އަތް އަޅައިގެން އޮތަސް ނުނިދާކަން މިރިއަމް ދެނެގަތެވެ. މިރިއަމް ހިޖާބުވެސް އަޅައިގެން ލޯ ބޮޑުކޮށްލައިގެން އޮތްއިރު ލޮލުގައި ނިދީގެ އަސަރެއްނެތެވެ. "އަހަންނަކީ ކުރެހުމެއްކަމަށް ދެކެގެން އެހާވަރަށް ބަލަންޏާ ނިދޭނީވެސް ކިހިނެއްތަ؟" ޒުބޭރުގެ އަޑު އިވުނެވެ. އޭނަ އުޅަބޮށި ޖައްސާލައިގެން ޒުބޭރުއާއި ދިމާލަށް ބަލަހައްޓައިގެން އޮތީ ނިދިކަން ޔަގީންކުރުމުގެ ނިޔަތުގައެވެ. ފަނޑު އަލިކަމުގެ ތެރެއިން ދެމީހުންގެ ވިދާ ހަތަރުކަޅި ހަމަވިއެވެ. އެއާއެކު އޭނަ އަވަހަށް ބާލީސް މައްޗަށް ތިރިވެލިއެވެ. "އަހަރެން ކޮންމެހެން ޒުބޭރުގެ މޫނަށް ބަލަންއޮތީ އެއް ނޫން.......ކަމަކާއި ވިސްނީ........" "ކޯނޗެއްތަ ވިސްނީ؟ ޒުބޭރު އެހިއެވެ. "މިހާރު އުފާވޭތަ؟" "މިއަށްވުރެ ބޮޑު އުފަލެއް ދެނެއް ނުލިބޭނެ.."ޒުބޭރު ޖަވާބުދިނެވެ. ދެމީހުން އިތުރު ވާހަކައެއް ނުދައްކައެވެ. މިރިއަމް ހީކުރިވަރަށްވުރެ އަވަހަށް އޭނަ ހުވަފެނީ އާލަމަކަށް ގެނބުނެވެ. *** ކުޑަދޮރުގައި ދަމާފައިވާ ފޮތިތައް ކުޑަކޮށް ހެލެމުން ދިޔައެވެ. ހަނދުވަރުގެ އަލިކަން އެމީހާގެ ކޮނޑަށް އެޅުނެވެ. ދުންފިނިގަނޑު ސާފުވުމާއެކު އެމީހާ އެތަނުން ގެއްލުނެވެ. މިރިއަމްގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށުމާއެކު އޭނަ އަވަހަށް ރަޖާގަނޑު އެއްފަރާތަށް ޖައްސާލާފައި ފުންމައިގެން ތެދުވުނެވެ. ޒުބޭރު ގޮދަޑިމަތީގައި އޮތްކަން ނޭގި އެރެވުނީ ޒުބޭރުގެ އަތަށެވެ. "ޢައުޗް...."ޒުބޭރުއަށް ބުނެވުނެވެ. އޭނަވެސް ސިހިފައި އަވަހަށް ފަހަތަށް ޖެހުނެވެ." ކިހިނެއްވީ؟" "މަގޭ އަތް..." ޒުބޭރު ކުކުރައިލިއެވެ."މިރިއަމް ކީއްތިކުރަނީ؟ ނިދީގައި ހިނގަނީތަ؟" އޭނަ ގެ މުޅި ހަށިގަނޑުވެސް ރޫރޫ އަޅަމުން ދިޔައިރު ޖަވާބެއްވެސް ނުދެވުނެވެ. އޭނަގެ ނަޒަަރު ދަތުރުކުރީ އަނެއްކާވެސް ފޮތިގަނޑަށެވެ. މިހާރު އެފޮތިގަނޑުވެސް އެއްވެސް ވަރަކަށް ހަރަކާތެއްނުކުރެއެވެ. "އަހަންނަށް ކޮންމެވެސް މީހަކު ފެނުނީ..ދޮރުކައިރީގައި އެމީހާ ހުރީ..ހަމަ ހުއްޓިލައިގެން ކުއްލިއަކަށް ގެއްލުނީ......" "މިރިއަމް އަމިއްލަ ނަފުސް ބިރުގަންނަވައިލީ..."ޒުބޭރު އަތުގައި ފިރުމަމުން ދިޔައެވެ. "ޢަހަންނަށް ކޮންމެވެސް މީހަކު ފެނުނު.."އޭނަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. މިފަހަރު ތަންކޮޅެއް އަޑުގަދަވިއެވެ. އެކަމަކު އަޑުގައި ތުރުތުރެއްވިއެވެ." ހުދު އެއްޗެއް ލައިގެން ހުރީ..އިސްކޮޅުން ދިގު....ލައިކް...ލައިކް..." އޭނަ ވާހަކަ މެދުކަނޑައިލިއެވެ. އަހަރުތަކެއްކުރިން އޭނައަށް ރަށުން ފެނުނީވެސް އިސްކޮޅުން ދިރު އެ ފިރިހެންމީހާއެވެ. މިރޭވެސް އޭނަގެ ލޯމައްޗަށް ސިފަވީ ހަމަ އެ ސޫރައެވެ. ޒުބޭރު ތެދުވެ އިށީދެފައި ފާޚާނާ ހުރި ދިމާލަށް ނަޒަރު ހިންގައިލިއެވެ. ކުޑަދޮރު ކައިރިއަށްގޮސް ބޭރަށްވެސް ބެލިއެވެ. ތަޅުވެސް ހުރީ އަޅުވާފައެވެ."އެއްވެސް މީހެއްނެތް..." "ތިވާނީ ހުވަފެނަކަށް.."ޒުބޭރު އަތުން އިސްތަށިގަނޑުރީތިކޮށްލިއެވެ. މިރިއަމް ހަށަން ބަދެލައިގެން ހުރިއިރު ނިޔަފަތިތައް އަތަށް ވަންނަމުން ދިޔައެވެ. ޒުބޭރު ގަބޫލުނުކުރުމުން ރުޅިއަންނަ ގޮތްވިއެވެ." ހުވަފެނެއްހެނެއް ނޫން ފެނުނީ. މިބުނީނު ފެނުނޭ....ހުވަފެނާއި ހަގީގަތާއި އޮޅޭވަރެއް އަދި ނުވޭ......" ޒުބޭރު އަރައިރުންވެ ޖަދަލުކުރާކަށް ނޫޅުނެވެ. އެކަމަކު އޭނަ އެވާހަކަ ގަބޫލެއްވެސް ނުކުރެއެވެ. އޭރުވެސް މިރިއަމްގެ ނަޒަރުވީ އެ ޝަޚުސް ފެނުނު ދިމާލުގައި ހަރުލާފައެވެ. "މިރިއަމް ނިދައިލަންވީނު. އަހަރެން ހޭލާ ހުންނާނަން...އެއްވެސް މީހަކަށް މި ކޮޓަރިއާއި ކައިރިއެއްނުވެވޭނެ. ގެއްލުމެއް ނުދެވޭނެ..އަހަރެން ޔަގީންކަން ދެން..." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ