ފެށިތާ ތިން މަސް ނުވަނީސް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ހިދުމަތް ހުއްޓާލައިފި ފެށިތާ ތިން މަސް ނުވަނީސް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ހިދުމަތް ހުއްޓާލައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެތެރޭގެ އުދުހުންތަކަށް މިދިޔަ އޭޕްރިލް 13، ގައި ފެށި ޕްރިމިއަމް އިކޮނޮމީގެ ހިދުމަތް ހުއްޓާލައިފި އެވެ.
މޯލްޑިވިއަންގެ ކޯލް ސެންޓަރަށް އަދަދު އިން ގުޅުމުން ބުނީ ޕްރިމިއަމް އިކޮނޮމީގެ ހިދުމަތް ޖުލައި 10، އިން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ. އެ ހިދުމަތް އަލުން ފެށޭނެ ދުވަހެއް ނޭގޭ ކަމަށް ކޯލް ސެންޓަރުން ވަނީ މައުލޫމާތު ދީފަ އެވެ.
މޯލްޑިވިއަން އިން މައުލޫމާތު ނުދޭތީ އެ އެއާލައިނުން ޕްރިމިއަމް އިކޮނޮމީގެ ހިދުމަތް ހުއްޓާލި ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.
ކުރިން ނުލިބޭ ބައެއް އައު ހިދުމަތްތަކާއެކު ޕްރިމިއަމް އިކޮނޮމީގެ ނަމުގައި މޯލްޑިވިއަން އިން އަގުބޮޑުކޮށް ޓިކެޓުތައް ވިއްކީ މާލެ - ފުވައްމުލަކަށާއި، މާލެ - އައްޑޫ ސިޓީ ގަންއަށާއި، މާލެ - ހަނިމާދޫގެ އިތުރުން މާލެ - ކާޑެއްދޫ، އާއި މާލެ - ކުޅުދުއްފުށި ސިޓީ އާއި މާލެ - މާފަރު ރޫޓަށެވެ.
ޕްރިމިއަމް އިކޮނޮމީން ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިތުރު ފަސް ކިލޯގެ ލަގެޖު ގެންދެވުމާއި އެއްފަހަރު ހިލޭ ފުރާ ދުވަސް ބަދަލުކުރަން ލިބުމުގެ އިތުރުން ލޯންޖުގެ ހިދުމަތާއި ހާއްސަ ސީޓުތަކެއްގެ އިތުރުން ދަތުރުމަތީ ހާއްސަ ކެއިން ބުއިން ލިބުން ހިމެނެ އެވެ.
އިތުރު ބޯޓެއް ނުގެނެސް މިހާރުވެސް ގެންގުޅޭ ފުލީޓުގެ ބޯޓުތަކަށް އައު ކްލާހެއް ހިމެނުމުން ކުރިން ޓިކެޓު ވިއްކި އަގުތަކުގައި ލިބޭ ސީޓުގެ އަދަދު މަދުވި އެވެ.
މޯލްޑިވިއަންގެ އިކޮނޮމީ ކްލާހުގެ ޓިކެޓުތަކުގެ އަގުބޮޑުކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ