އިންޑިޔާ ގައުމީ ޓީމަށް ދެން ނަގާނީ ލީގު ކުޅޭ ފިޓް ކުޅުންތެރިން

އިންޑިޔާގެ ގައުމީ ޓީމަށް ދެން ނަގާނީ ކުލަބު ކްރިކެޓް ކުޅޭ އަދި ފިޓް ކުޅުންތެރިން ކަމަށް ނިންމައިފި އެވެ.
މިއީ އިންޑިޔާގެ ކްރިކެޓް ހަރުދަނާ ކުރުމަށާއި ކުޅުންތެރިންގެ ގަވާއިދުތަކަށް ބަދަލު ގެނެސް ގައުމީ ޓީމުގެ ނަތީޖާ ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.
އާ ގަވާއިދުގައި ނިންމާފައިވަނީ ހަމަޖެހިފައިވާ ވަގުތަށްވުރެ އަވަހަށް މެޗެއް ނުވަތަ މުބާރާތެއް ނުވަތަ ދަތުރެއް ނިމުނަސް ޓީމުގެ އެއްވެސް މީހަކަށް ކަނޑައަޅާފައިވާ ވަގުތު ނުޖެހެނީސް ޓީމާ ވަކިވަކިން ނުދެވޭނެ ކަމަށެވެ. މިއީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ޑިސިޕްލިން ކުރުވުމަށް އެޅި އެންމެ މުހިންމު އެއް ފިޔަވަޅެވެ.
އިންޑިޔާގެ ކްރިކެޓް ބޯޑުން ބުނީ މި ބަދަލުތަކުގެ ބޭނުމަކީ އެއް ކުޅުންތެރިންތެރިއަކު އަނެއް ކުޅުންތެރިޔަކާ މައްސަލަޖެހުން މަދުކުރުމާއި ގުޅުން ބަދަހިކުރުން ކަމަށެވެ. މީގެ އިތުރުން މިހާރު ނިންމާފައިވަނީ ކުޅުންތެރިންނަށް އެމީހުންގެ އަމިއްލަ މުވައްޒަފުންނާ އެކު ވެސް ދަތުރު ނުކުރެވޭ ގޮތަށެވެ. މިހެންވެ މީގެ ފަހުން ކުޅުންތެރިންގެ މެނޭޖަރުންނާއި ޝެފުންނާއި އެހީތެރިންނާއި ސެކިއުރިޓީ ގާޑުންނަށް ވެސް އެކުގައި ނުދެވޭނެ އެވެ. މި ފަރާތްތަކަށް ކުޅުންތެރިނާ ބައްދަލުކުރެވޭނީ ވެސް އިންޑިޔާގެ ކްރިކެޓް ބޯޑުގެ ހުއްދައާއެކުގަ އެވެ. އަދި ވަކިވަކިން ދަތުރު ކުރުން މަނާކޮށް ހުރިހާ ކުޅުންތެރިން ދަތުރުކުރަންޖެހޭނީ ޓީމާއެކު ބަހުގައި ކަމަށް ވެސް ވަނީ ނިންމާފަ އެވެ. މިއީ ވެސް ޓީމުވަންތަކަން ބޮޑު ކުރުމަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން އެއް މަސް ދުވަހަށްވުރެ ދިގު މުބާރާތަކަށް ދާނަމަ ކޮންމެ ކުޅުންތެރިއަކު ގިނަވެގެން ގެންދެވޭނީ ފަސް ލަގެޖެވެ. އޮފިޝަލަކަށް ތިން ލަގެޖެވެ. ކުޅުންތެރިންނަށް ލިބޭނީ ގިނަވެގެން 150 ކިލޯ އެވެ. މިއަށްވުރެ ކުރު މުބާރާތެއްނަމަ ކުޅުންތެރިއަކަށް 120 ކިލޯ އަދި އޮފިޝަލުންނަށް ގެންދެވޭނީ 60 ކިލޯގެ ތަކެއްޗެވެ.
އިންޑިޔާގެ ކްރިކެޓް ބޯޑުން މީގެ ކުރިން ނިންމާފައިވަނީ ކުޅުންތެރިން ޓީމާއެކު ތިބޭއިރު އާއިލާއާއެކު ހޭދަކުރަންދޭ ވަގުތު ވެސް މިހާރަށްވުރެ ކުޑަކުރުމަށެވެ. ބޭނުމަކީ ކުޅުންތެރިން ޓީމަށް އިސްކަންދިނުން ބޮޑުކުރުމަށެވެ.
އިންޑިޔާއިން މިހާރު ތައްޔާރުވަމުން ދަނީ އަންނަ މަހު ޕާކިސްތާނުގައި ފަށާ ޗެމްޕިއަންސް ޓްރޮފީ މުބާރާތަށެވެ. މި މުބާރާތުގައި އިންޑިޔާ ކުޅޭ މެޗުތައް ކުޅޭނީ ޑުބާއީގަ އެވެ. ސަބަބަކީ ސިޔާސީ އަރައިރުންތަކާހެދި އިންޑިޔާގެ ޓީމު ޕާކިސްތާނަށް ފޮނުވަން އެ ގައުމުގެ ސަރުކާރުން ބޭނުންނުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ