ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނަޖާހް އައްޔަން ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ފެނަކައިގެ އެމްޑީގެ މަގާމަށް ހ. ޔެލޯރޯޒް 2، މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
މި މަގާމަށް ނަޖާހް އައްޔަންކޮށްފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވަނީ ރައީސްއަށް ފޮނުވި ސިޓީ އާންމު ކުރައްވާފައެެވެ. އެ ސިޓީގައި މުއާޒް ވިދާޅުވެފައި ވަނީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން ލިބޭ އާމްދަނީއަކުން އެ ކުންފުންޏެއް ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީ ނަމަވެސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ.
ފެނަކައިން ފޯރުކޮށްދެމުން ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވާކަމަށާއި، ކުންފުންޏާއި ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތް ކަމަށްވެސް ނަޖާހުގެ ސިޓީގައި ވަނީ ބަޔާން ކޮށްފައެވެ.
ފެނަކަ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވަނީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަންގެ ހާލަތު ވެއްޓިފައިވުމުގެ ސަބަބުން އަދި ފެނަކައިގެ އެމްޑީގެ މަގާމުގައި ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ކަމަށް މުއާޒް ވަނީ ފާހަގަ ކުރައްވާފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަޖާހް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ