ދިވެހި ޔޫތު ލީގުގެ 12 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހޯދައިފި އެވެ.
ސަސް އިން 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ އެއް މެޗު އޮއްވަ އެވެ. އެ ޓީމުން ވަނީ އެންމެ ފަހުން ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން މޮޅުވެފަ އެވެ.
ޖުމްލަ އެކު، އަށް ޓީމު ވާދަކުރާ ލީގުގެ އެއް ވަނައިގައި ސަސް އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ހަމަކުރެވުނީ 15 ޕޮއިންޓެވެ. އެހެންކަމުން، ސަސްއާ ހަމަކުރެވޭނެ ގޮތެއް ނެތުމުން، އެ ޓީމަށް ލީގު ކަށަވަރުވީ އެވެ.
މީގެ ކުރިން، 2022 ވަނަ އަހަރު ބޭއްވި 12 އަހަރުން ދަށުގެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ސަސް އިން ހޯދާފައިވެ އެވެ.
ބާރަ އަހަރުން ދަށުގެ ލީގުގެ ތިން ވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ހަތަރެއްގައި އޮތް ޓީސީ އަށް ހަ މެޗުން އަށް ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ހަތް މެޗު ހަމަކުރެވުނީ އަށް ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ހުރިއްޔާ ސްޕޯޓްސް ކްލަބަށް ވަނީ ހަ މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ހަތް މެޗުން ފަސް ޕޮއިންޓް އަދި ފުލުގައި އޮތް ކްލަބް އީގަލްސް އަށް ހަތް މެޗުން ޕޮއިންޓެއް ނުލިބެ އެވެ.
ދިވެހި ޔޫތު ލީގުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ސަސް އިން ޔަގީންކުރިއިރު، 14 އަހަރުން ދަށުގެ މުބާރާތުގައި އެ ޓީމު އޮތީ ފަހު މެޗާ ހަމައަށް ދިޔައިރު، ތިން ވަނައިގަ އެވެ. އެއީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. އެ ލީގުގެ ދެ ވަނައިގައި އޮތް ވިކްޓަރީ އާއި އެއް ވަނައިގައި އޮތް ޓީސީ އަށް ހަ މެޗުން ލިބުނީ 14 ޕޮއިންޓެވެ. އަދި 16 އަަހަރުން ދަށުގެ ލީގުގެ ތިން ވަނައިގައި މި ވަގުތު ސަަސް އޮތްއިރު، އެ ލީގު ހޯދޭނެ ފުރުސަތެއް އެ ޓީމަށް ނެތެވެ.
ދިވެހި ޔޫތު ލީގުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ސަސް އަށް ދިވެހި ޔޫތު ލީގުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ސަސް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ