ރާއްޖެއަށް އެތެރެކުރި ރޯލިން ޓޮބޭކޯ ނުވަތަ ބިޑި އޮޅާ ދުންފަތް ޝިޕްމަންޓުތަކެއް ދެ ހަފުތާއެއްހާ ދުވަހު ހިފެހެއްޓުމަށްފަހު ދޫކޮށްލީ އެތަކެތި އެތެރެކުރަން ގާނޫނީ ހުރަހެއް ނެތުމުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.
މައްސަލައިގެ ފެށުން - ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކާ އެކު އޮޅާ ދުންފަތާއި އެ ދުންފަތް އޮޅަން ބޭނުންކުރާ ކަރުދަހާއި ފިލްޓަރު ފަދަ ތަކެތި އެތެރެކުރެވޭނެ ކަމާ މެދު އޮތީ ސުވާލު އުފެދި އެވެ.
އެކަމާ ގުޅޭގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދާ އެކު ހެލްތު މިނިސްޓްރީން 24 ޑިސެމްބަރު 2024 ގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ ސިޓީގެ ސައްހަކަން ކަށަވަރުކޮށްދީ، މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެއީ މިނިސްޓްރީގެ ލަފަޔަކަށް ކަސްޓަމްސްއިން އެދިގެން ފޮނުވި ސިޓީއެއް ކަމަށެވެ.
އެ ސިޓީގައި ދުންފަތުގެ ބާވަތްތަކަކީ ކޮބައިކަން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލަށް ސާފުކޮށްދީ، ބަޔާންކޮށްފައިވާ ގޮތުގައި ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެކެވެ.
"ވީމާ ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައި ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވަމެވެ،" އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ވީ ކިހިނެއް؟ - އެ ސިޓީ މާނަކުރުމަށްފަހު ކަސްޓަމްސްއިން ވަނީ މި މަހު ކުރީކޮޅު ދުންފަތުގެ ވިޔަފާރިވެރިން ގެނައި އޮޅާ ދުންފަތާއި ކަރުދާސް ފަދަ ތަކެތި ހިމެނޭ ޝިޕްމަންޓުތައް ހިފަހައްޓާފަ އެވެ.
ނަމަވެސް ދެ ހަފުތާއެއްހާ ދުވަސްވަންދެން ހިފެހެއްޓުމަށްފަހު އެ ޝިޕްމަންޓުތައް މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އެކަމާ ބެހޭގޮތުން މިއަދު 'ދައުރު'އިން މިއަދު ރިޕޯޓުކުރި ހަބަރު ޝާއިއުކުރުމާ ހަމައަށް ވެސް ކަސްޓަމްސް އާއި ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ނުވި އެވެ.
ތަފްސީލު - ރާއްޖެ ގެނައި ރޯލިން ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިއާތަކުގައި ހަބަރު ފަތުރަމުންދާތީ، އެ ޝިޕްމަންޓުތައް ދޫކޮށްލި ސަބަބު ސާފުކޮށްދޭން ކަސްޓަމްސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެއީ ތަންފީޒީ އިދާރާއަކަށް ވާތީ ކަސްޓަމްސްއިން ހިފަހައްޓާނީ ގާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ.
"އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއާކުރާ މަރުހަލާގައި، ކަސްޓަމްސުން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެ މުދަލެއް ގާނޫނީ ގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެ މުދަލެއް ދޫކުރަމުން ގެންދާނެ އެވެ،" ކަސްޓަމަސްގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ކަސްޓަމްސްއިން އޮޅާ ދުންފަތް ޝިޕްމަންޓުތަކެއް ހިފެހެއްޓީ ހެލްތުން ފޮނުވި އިރުޝާދުގެ ސިޓީ މާނަކުރުމުގައި އެރި އޮޅުމަކުން ނުވަތަ މިނިސްޓްރީއިން ގާނޫނު މާނަކުރި ގޮތުން ކަމެއް ސާފެއްނުވެ އެވެ. ނަމަވެސް އެތަކެތި ހިފެހެއްޓުމަށްފަހު ދޫކޮށްލީ އެތެރެކުރަން ގާނޫނީ ހުރަހެއް ނެތުމުން ކަން ކަސްޓަމްސްގެ ބަޔާނުން ކަށަވަރުވެ އެވެ.
އޮޅާ ދުންފަތާއި އެކަމަށް ބޭނުންކުރާ ސާމާނަކީ މިފަހުން ރާއްޖެއަށް އަލަށް އެތެރެކުރަން ފެށި ބާވަތެއް ނޫނެވެ. އެހެން ނަމަވެސް ވޭޕްކުރާ ސާމާނު އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށް، މިފަހުން ސިނގިރޭޓުގެ އަގުބޮޑު ކުރުމާ ގުޅިގެން އޭގެ ބަދަލުގައިި އޮޅާ ދުންފަތް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ހިފެހެއްޓި އޮޅާ ދުންފަތް ޝިޕްމަންޓުތައް ދޫކޮށްލީ މަނާ އެއްޗަކަށް ނުވާތީ: ކަސްޓަމްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ