މަމްދޫހު ހައްޔަރުކުރަން ކޯޓުން އަނެއްކާ ވެސް އަމުރެއް ދީފި

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާގެ ފައިސާ ނަގައި، އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ.ކްރިމިނަލް ކޯޓުން ކުރިން އޮތީ، ފުލުހުން އެދިގެން މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ. އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދި މަމްދޫހުގެ ފަރާތުން އެދުނީ، ރާއްޖޭން ބޭރުގައި ހުރި އޭނާގެ އާއިލާއާ ބައްދަލުކޮށް އާއިލާގެ ބައެއް ޒަރޫރީ ކަންކަން ހަމަޖައްސަން އޮތުމުން ކަމަށް ބުނެ އެވެ.އިއްޔެ ކްރިމިނަލް ކޯޓުން 45 ދުވަހުގެ މުއްދަތަކަށް މަމްދޫހުގެ ޕާސްޕޯޓު ދޫކޮށްލާ ގޮތަށް އަމުރު ނެރެދިން އިރު، އެނގިފައިވާ ގޮތުގައި މަމްދޫހު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ވަނީ އިއްޔެ ކޯޓުގައި އެދިފަ އެވެ. އަދި ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރު ވެސް ނެރެދީފަ އެވެ.މަމްދޫހުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކުރި އަމުރާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ރޭ ބުނެފައިވާ ގޮތުގައި، އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން ނިންމެވީ ގާނޫނުތަކާ ހިލާފަށެވެ. އެ އޮފީހުން ބުނީ އެ ނިންމުން އިސްތިއުނާފްކުރުމަށް ހުށަހަޅާނެ ކަމަށެވެ. އަދި މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިތުރު ގޮތްތައް ވެސް ހޯދަމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ރޭ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ