ނުދައްކާ އޮތް ދަރަންޏެއް އޮތުމުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މާލީ މުއާމަލާތްތައް ކުރުން މަޑުޖައްސައިލަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން ދައުލަތުގެ ޕީއެސްއެމްއާ ދެކޮޅަށް އެފަދައިން އަމުރު ކުރީ އާޓިސަން ޕްރައިވެޓް ލިމިޑެޓުން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތެއްގެ އަގު އަދާކޮށްފައި ނުވާތީ އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އާޓިސަން ޕްރައިވެޓް ލިމިޑެޓުން ބުނާގޮތުގައި އެ ކުންފުނިން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތެއްގެ އަގަކީ 4.5 މިލިއަން ރުފިޔާއެވެ. އެ އަގު ދެއްކުމަށް ސިވިލް ކޯޓުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕީއެސްއެމްއަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވިޔަސް އެކުންފުނިން މިހާތަނަށް އެ ފައިސާ ދައްކާފައެއް ނުވެއެވެ.
ޕީއެސްއެމްއިން މާލީ މުއާމަލާތް ކުރުން ސިވިލް ކޯޓުން ހުއްޓުވީ އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒުކުރުމުގެ އަމުރަކަށް އާޓިސަން ކުންފުނިން އެ ކޯޓުގައި އެދުމުންނެވެ.
އާޓިސަންއިން ބުނާ ފައިސާ އަކީ ދައްކަންޖެހޭ ފައިސާ ކަމަށް ޕީއެސްއެމްއިން ވަނީ ކޯޓުގައި އިއުތިރާފް ވެފައެވެ.
މި މައްސަލައާ ގުޅިގެން ޕީއެސްއެމްގެ މާލީ ތަފްސީލުތައް ހިއްސާ ކުރުމަށ ޝަރީއަތުން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
އެހެންވެ އެ ކުންފުނިން ހުށަހަޅާފައިވާ ތަފްސީލް ގައިވާގޮތުން ޕީއެސްއެމް ހިންގުމަށް ކޮންމެ މަހަކު އަށް މިލިއަން ރުފިޔާ ހަރަދުވެއެވެ. އެހެންނަމަވެސް ކޯޓުގެ އަމުރުގައިވާ ގޮތުގައި ކޯޓުން ބެލި ބެލުމުގައި ޕީއެސްއެމްގެ ބޭންކު އެކައުންޓް ތަކުގައި އަށް މިލިއަން ރުފިޔާ އާއި ގާތްކުރާ މިންވަރަކަށްވެސް ފައިސާ އެއް ނެތެވެ.
މިކަމާއި ގުޅިގެން ކޯޓުން ވަނީ ޕީއެސްއެމްއަށް ފައިސާ ލިބޭ ގޮތާއި އެ ފައިސާ ލިބެނީ ކޮން ފަރާތަކުންކަން އަދި ކޮން ވަސީލަތެއް މެދުވެރިކޮށްގެންކަން އެނގޭނެ ގޮތުގެ ތަފްސީލީ މައުލޫމާތު ހުށަހެޅުމަށްވެސް އަންގާފައެވެ.
މީގެއިތުރުން ޕީއެސްއެމްގެ މިލްކިއްޔާތުގައިވާ އުފުލޭ މުދާ އަދި ނުއުފުލޭ މުދަލުގެ އިތުރަށް އެ ކުންފުނީގެ އަރަންޏާއި ދަރަންޏެއް ހުރި ނަމަ އެ ހުރިހާ މައުލޫމާތުތައް އެނގޭ ގޮތަށް ކޯޓަށް ހުށަހެޅުމަށް ވެސް ޕީއެސްއެމްއަށް ސިވިލް ކޯޓުން އަންގާފައިވެއެވެ.
އަދި އާޓިސަން ޕްރައިވެޓް ލިމިޑެޓުގެ ދަރަނި ދެއްކެންދެން ޕީއެސްއެމްގެ މިލްކިއްޔާތުގައިވާ އެއްވެސް އެއްޗެއް ޝަރީއަތުގެ ހުއްދައާއި ނުލައި ނުވިއްކުމަށާއި އެ މުދާ އެހެނިހެން އެއްވެސް ފަރާތަކަށް ބަދަލުވާނެ ކަހަލަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ކޯޓުން ޕީއެސްއެމްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
ދަރަންޏެއް އޮތުމުން ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ހުއްޓާލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ