ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނާނީ އާބަންކޯގެ މުވައްޒަފުން ބާކީ ނުވާ ގޮތަށް: މުއިއްޒު

ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ހުޅުމާލެ ހިންގުން ބަދަލު ކުރާނީ، އާބަންކޯގެ މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާ ގޮތަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ށ. އަތޮޅާއި، ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ އިހުތިސާސްގެ ދަށުން ލިބިދޭ ބާރުތައް ކައުންސިލަށް ނަގާނެ ކަމަށް އޭނާ ކުރިން ދެއްކެވި ވާހަކަ ސަރުކާރަށް ތާއީދު ކުރާ މީހުން ދައްކަނީ އޮޅުވާލައިގެން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެކަމާ ގުޅިގެން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން، އާބަންކޯގެ ފަސްހާހެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލި، މުސާރަ ކުޑަވާނެ ކަމުގެ ބިރު ސަރުކާރުން ދައްކަވަމުންދާ ކަމަށެވެ.
ހުޅުމާލޭގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނީ ގާނޫނީ އިމުގެ ތެރެއިން އެ ކަމަށް ލިބިދޭ ބާރުތަކުގެ ދަށުން، އާބަންކޯގެ މުވައްޒަފުންނަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް ބަޖެޓު ބަދަލުކުރުމަށްފަހު، ކައުންސިލަށް ބޭނުންވާ އިތުރު މުވައްޒަފުން އަލުން ނަގާނެ ކަމަށާއި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ