ރައްޔިތުން ބޭނުންވާ ގޮތަށް މާފަރު ސިއްހީ މަރުކަޒުގެ އެއްބަސްވުން ބަދަލު ކުރާނަން: ރައީސް

ނ. މާފަރު ސިއްހީ މަރުކަޒު ތަރައްގީ ކުރަން އިއްޔެ ސޮއިކުރި އެއްބަސްވުމަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، އަލުން އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ މަޝްރޫއުގައި ރަނގަޅު ކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމުގެ މައުލޫމާތު މިއަދު ލިބިވަޑައިގެންނެވި ކަމަށެވެ.
އެނގުން މުހިއްމު - މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ރޭ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރީ 10 މިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއުގެ ދަށުން 4  އެނދުގެ ވޯޑަކާ އެކު ޕްރައިވެޓް ރޫމަކާއި ނާސް ސްޓޭޝަން އަދި މީޓިން ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ގާއިމްކޮށް ޕޯޓިކޯ ގާއިމް ކުރަން ނިންމާފައިވެ އެވެ.
ތަފްސީލް - މާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެ ރަށުގެ ކައުންސިލާ ރައީސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްރޫއުތަކަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލު ކައުންސިލުން ވަނީ ރައީސްއާ ހިއްސާކޮށްފަ އެވެ.
"... އިތުރު ކަންތައްތަކެއް ރަނގަޅު ކުރަން ހުރިކަން އަޅުގަނޑަށް މިއަދު މި މައުލޫމާތު ލިބުނީ. އަޅުގަނޑު ދަންނަވާފައިވާނެ މި ހަފްތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ސްކޯޕުގައި، އެ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް [ތަރައްގީ ކުރުމަށް] އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރޭ ސޮއިކުރި އެއްބަސްވުމުގައި ފެސިލިޓީތައް މަދުން ގާއިމްކުރަން އޮތީ މައުލޫމާތުގެ ކުށަކުން ކަމަށް ވެދާނެ ކަމަށެވެ.
އެކަން ރަނގަޅު ކުރުމަށް ކަމާ ގުޅުންހުރި މިނިސްޓަރުންނަށް ދަންނަވާފައިވާނެ ކަމަށާއި ބުރާސްފަތި ދުވަހުގެ ކުރިން އެއްބަސްވުން އިސްލާހުކޮށް އަލުން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިރަށުގެ ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި، މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާ އެކު މިތަނުގައި މުސްތަގުބަލުގައި ޕޮޓެންޝިއަލް ހުރުމާ އެކު މި ދެންނެވި ފެންވަރުގައި ސިއްހީ މަރުކަޒެއް ގާއިމް ކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ