ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރިއަށް އޮތީ ވިއްސާރަ، ދެކުނަށް ދެ ދުވަހަށް ބޯކޮށް ވާރޭ ވެހޭނެ
ކުރިޔަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން މިރޭ ބުނެފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައަކީ މޫސުން ބަދަލުވާތީ ކުރަމުންދާ ވިއްސާރައެއްކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. މޫސުމާ ބެހޭ އިދާރާއިން މިރޭ ވަނީ ބޯކޮށް ވާރޭ ވެހި، ގުގުރާނެކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ސަމާލުގައި ވަނީ ބުނެފައެވެ. އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ދެދުވަހު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި އުތުރަށް މިހާރު ކުރަމުންދާ ވިއްސާރަ، މާދަމާ އަލިވެ، އަނެއްކާ ހުކުރުދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. https://sun.mv/214952 މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑިޒާސްޓާ އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ މިހާތަނަށް ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައް ލިބިގެން ރިޕޯޓް ކޮށްފައިވަނީ ތިނަދޫ ސިޓީގައި އެކަނިކަމަށެވެ. އެ ރަށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުން ފަށައިގެން ހެނދުނާ ޖެހެންދެން ބޯކޮށް ވާރޭ ވެހި، ގެތަކަށް ފެންވަދެފައިވެއެވެ. އެގޮތުން ހޮސްޕިޓަލަށާއި ފެން ޕްލާންޓަށް ފެން ވަދެފައިވީ ނަމަވެސް، ޚިދުމަތްތައް ނުހުއްޓޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ތިނަދޫ ކައުންސިލާއި އެންޑީއެމްއޭއިން އަންނަނީ ވިއްސާރައިގައި ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖެއަށް ވިއްސާރަވެފައިވާއިރު، އަވަށްޓެރި ސްރީލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާނެއްގައި ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެ ގައުމަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ހާދިސާތަކުގައި 600އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ތޫފާނަށް ފަހު، އަނެއްކާވެސް ލަންކާއަށް ބޯކޮށް ވާރޭވެހި، ނުރައްކާ އޮތް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ