'މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ' ކަމަށާއި އޭނާއާ ދިމާލަށް ތަފާތު ނަންނަމުން މުހާތަބުކޮށް، ވާހަކަ ދައްކައި ހަދަނީ އޭނާގެ 'ގައިގައި ކަމެއް ހުރީމާ' ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާއެއްގައި ގާސިމް ވަނީ އޭނާ އަށާއި ޖޭޕީއަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ.
މަލާމާތުގެ ގޮތުން ގާސިމަށް ކިޔާ އެކި ނަންނަން ވިދާޅުވަމުން އޭނާ ވިދާޅުވީ ކޮންމެ އެއްޗެއް ކިޔަސް 'އޯކޭ' ކަމަށާއި 'ހިރަފުސް މަޑުގަނޑެއްގެ ތެރޭގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރެއް' ކަމަށެވެ.
"ރަން ފައުނެއް ވަޅުޖަހާފައި އޮތަސް ނަގާ ސާފުކޮށްލީމައި އޭގެން އަރާ ވިދުވަރެއް ނާރާނެ ރިއްސަކުންނެއް،" ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
ދެން އޭނާ ރައްދު ދެއްވީ، ޖުމްހޫރީ ޕާޓީއަކީ އެންމެ ކުޑަ ޕާޓީކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ހަގީގަތުގައި އެންމެ ބޮޑު ޕާޓީ އެވެ. އޭގެ ސަބަބުތައް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ:
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީ ނުކުތީ، އިންތިހާބަށް އެންމެ މަހަކަށް ވެފައި އޮއްވައި ކަމަށް. އޭރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނެވި އެމްޑީޕީ އާއި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޑީއާރުޕީ ކެމްޕޭން ކުރާތާ ތިން އަހަރު ވެއްޖެ ކަމަށް
ނަމަވެސް އެ އިންތިހާބުން ޖޭޕީ %15 ހޯދި އިރު އެމްޑީޕީއަށް ލިބުނީ %24 ކަމަށް. އަދި އެންމެ ބޮޑު ޕާޓީ ޑީއާރުޕީއަށް ލިބުނީ %44 ކަމަށް. އެކަމަކު ދެ ވަނަ ބުރުގައި ޖޭޕީއާ ކޯލިޝަން ހަދައިގެން %54އާ އެކު އެމްޑީޕީއަށް ވެރިކަން ހޯދައިދެވުނު ކަމަށް
"ކޮބައިތޯ އެމްޑީޕީ ބޮޑުވެފައި؟ [އެކަމަކު] ވީ ވައުދާއި ކުރިހާ އަހުދާ އެ ފަަހަރު ވެސް ދިޔައީ ތޮޅިއަށް. ހުރިހާ ކަމެއް ދިޔައީ ފައިދަށުން،" ކޯލިޝަން ސަރުކާރު މާ ގިނަ ދުވަހު ދެމިގެން ނުދިޔުމުން އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ފަހުން 2018އާ ހަމައަށް ކޮންމެ ފަހަރަކު ވެސް ވެރިކަން ކުރަމުން އައީ އެއްގޮތަކަށެވެ. އެއީ، ގާސިމްގެ ބަހުން ނަމަ، 'ގާނޫނުއަސާސީއާ ހިލާފަށް މީހުން ބަންދުކޮށްގެން'ނާއި 'ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިގެން'ނެވެ.
ގާސިމް ވިދާޅުވީ ސިޔާސީ މަސްރަހުގައި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން، ދެ ފުށް ފެންނަ ގޮތަށް، ދައުލަތުގެ މުދަލަށް އަމާނާތްތެރިވެގެން ވެރިކަން ހޯދުމުގައި އެންމެ ބޮޑު އަނިޔާއަކާއި ނިކަމެތިކަމެއް ލިބިވަޑައިގެންނެވީ އޭނާއަށް ކަމަށެވެ. އެކަމަކު، އެ އުމުރުގައި މިއަދު ވެސް ނުކުމެ ހުންނެވީ، ރައްޔިތުންނަށް ހެވާއި ލާބައަށް އެދިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.
"މާތް ﷲގެ އިރާދަފުޅުން މި އުޅެނީ، އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ކާންބޯން ނުލިބިގެންނެއް ނޫން. އަޅުގަނޑުގެ ދަރިން ވެސް ރަނގަޅު. އަނބިން ވެސް އިހްލާސްތެރި،" އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
"މުޅި އުުމުރުގައި ހުރިހާ މަސައްކަތެއް ފޯކަސް ކުރަމުން މި އަންނަނީ ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް."
ގާސިމް ވިދާޅުވި ގޮތުގައި ފެއިލްވެފައިވަނީ އޭނާއެއް ނޫނެވެ. އެމްޑީޕީ އާއި އިދިކޮޅުގެ އެހެން ބައިވެރިންނެވެ. އެއީ ގާސިމް ސިފަކުރެއްވި ގޮތުގައި، 'އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނޭ' ބުނާ އުސޫލުންނެވެ.
މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ، އެ މީހުން 'ތެޅެނީ' އަޅުގަނޑުގެ ކަމެއް ހުރީމަ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ