މައުމޫން ރާއްޖެ އައުމުން ފުރުން މަނާކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖެ އައުމުން ފުރުން މަނާކޮށްފި އެވެ.
މައުމޫން ރާއްޖެ އައިސްފައި މިވަނީ ފުލުހުން އޭނާގެ މައްސަލަތަކެއް ތަހުގީގުކުރަނިކޮންނާއި އޭނާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވާތީ އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ.
މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭސީސީ އިން ފޮނުވި މައްސަލަތައް ދިރާސާކުރުމަށްފަހު ދައުލަތުން ވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ.
މައުމޫނަށް ކުރާ ދައުވާތައް
ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާމަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާކުށެއް ކުރަން އެދުމުގެ ދައުވާކުށެއް ކުރަން ރޭވުމުގެ ދައުވާރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަން ނިމުމާ އެކު މައުމޫނަށް ކުރެވުނު ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އެ ދުވަސްވަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭގެފަހުން ރާއްޖެ އައިސްފައި މިވަނީ ދާދި އިހަށް ދުވަހު އެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ. މާނައަކީ ހުރިހާ މައްސަލައެއް ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް މައުމޫންގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ