ރައީސްއަށް ގާނޫނީ ލަފާ ދޭނީ ބާރުތައް އަރައިރުން ނުވާ ގޮތަކަށް: ބަންޑާރަ ނައިބު

ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދިނުމުގައި ބަލާނީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަރާރުންނުވާނެ ގޮތަކަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.ދެވަނަ ފަހަރަށް މަޖިލީހުން އިންތިހާބާ ބެހޭ ބިލު ތަސްދީގު ކުރުމުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން ބިލަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ނިންމަވާފަ އެވެ. ރައީސް އެގޮތަށް ނިންމެވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅިގެންނެވެ."އަށްޑިހަ މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި." ރައީސް ވިދާޅުވި އެވެ.އުޝާމްގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ."އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" އުޝާމް ވިދާޅުވި އެވެ.އުޝާމް ވަނީ އިންތިހާބާ ބެހޭ ބިލާއި ގުޅޭގޮތުން ރައީސަށް މިއަދު ގާނޫނީ ލަފާ އަރުއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރާ ބިލެއް ރައީސް ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. މަޖިލީހުން އިއްޔެ ދެވަނަ ފަހަރަށް އެ ބިލު ފާސްކޮށްފައި ވަނީ، މި މަހު 11 ވަނަ ދުވަހު އެ ބިލު ފާސްކޮށް ރައީސަށް ބިލް ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ