ބީއެމްއެލްގެ ބޯޑާއި އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރެއް: ސުޕްރީމް ކޯޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިންގެ މުސާރަ އާ އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއްގެ އިތުރުން ބައެއްގެ ޒާތީ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެއީ ދައުލަތުގެ އިދާރާއެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެ އާއި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ބުނެ އެވެ.މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސިއޫދު ހާމަކުރައްވާފައިވާ ރައުޔުގައި ވަނީ، ބީއެމްއެލްއަކީ ދައުލަތުގެ އިދާރާއެއް ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރަން ފެންނަ ކަމަށެވެ. އަދި، އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއްކަމަށް ވާތީއާއި، އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތަކަށް ވާތީ، އެއީ ދޫކުރަން ޖެހޭ މައުލޫމާތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.މި ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ."އެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށްވާތީ އެ މައުލޫމާތުތަކަކީ އެ ފަރާތްތަކުގެ ރުހުން ނެތި ދޫކުރެވޭނެ މައުލޫމާތުތަކެއް ނޫން. އަދި ތިން ވަނަ ފަރާތްތަކުގެ ރުހުން ނެތް ނަމަވެސް އެ މައުލޫމާތުތަކަކީ ދޫކުރަންޖެހޭ ފަދަ ފުޅާ އާންމު މަސްލަހަތެއް އޮތް މައުލޫމާތެއް ވެސް ނޫން،" ހުކުމުގައިވެ އެވެ.ނަމަވެސް ހުކުމުގައިވާ ގޮތުން ބީއެމްއެލްގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސުލޫތައް ހިންގޭނެ އެވެ. ސަބަބަކީ އެއީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުންޏަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ދައުލަތުގެ ކޮންޓްރޯލް އޮތުމެވެ. އަދި ބީއެމްއެލް އުފެއްދި މަގްސަދަށް ބަލާއިރު، އެއީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރަން ކުންފުންޏެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ