އިސްލާމްކަމުގެ ފަސް ރުކުން: އަދާކުރަންވީ ކޮންއިރަކު؟
އިސްލާމްކަން ބިނާވަނީ ފަސް ރުކުނުގެ މައްޗަށެވެ. އެއީ އިސްލާމްދީނުގެ މައިގަނޑު ބައިތަކެވެ. ނުވަތަ އެ ދީނުގެ ތަނބުތަކެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން މި ކަމަށް ހެކިލިބޭ ވަރަށް ގިނަ ދަލީލުތައް އެބަހުއްޓެވެ. އިސްލާމްދީނުގެ ދެވަނަ މަސްދަރުކަމުގައިވާ ކީރިތި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ޙަދީޘްފުޅުތަކުގެ ތެރެއިން "ޖިބްރީލް ޙަދީޘް"ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ދިގު ޙަދީޘެއްގައި މި ކަން ވަރަށް ފުރިހަމައަށް ބަޔާންވެގެން އާދެއެވެ. ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު އަރިހުން އަލްއިމާމް މުސްލިމް ރިވާކުރެއްވި މި ޙަދީޘުން، ލިޔަމުން މި އަންނަ މައުޟޫޢުއާ ގުޅޭބައި ޒިކުރު ކުރުން މުޙިއްމުކަމުގައި ދެކެމެވެ. "...وَقَالَ: «يَا مُحَمَّدُ، أَخْبِرْنِي عَنْ الْإِسْلَامِ.» فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم «الْإسْلَامُ: أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.» قَالَ: «صَدَقْت.»... މާނައީ: "އަދި (ޖިބްރީލްގެފާނު ސުވާލު) ކުރެއްވިއެވެ. ”އޭ މުޙައްމަދުގެފާނެވެ. އިސްލާމްކަމުގެ ޚަބަރު ތިމަންނާއަށް ދެއްވާށެވެ!“ ފަހެ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ”އިސްލާމްކަމަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި (ކައުބަތުﷲ)ގެފުޅަށް ދާނޭ ކުޅަދާނަކަން ލިބިއްޖެއްޔާ، އެ ގެފުޅަށް ގޮސް ޙައްޖުވުމެވެ.“ (ޖިބްރީލްގެފާނު)ވިދާޅުވިއެވެ. ”ކަލޭގެފާނު ތެދު ބަސްފުޅު ޙަދީޘްކުރައްވައިފިއެވެ.“ ޙަދީޘުން އެނގިގެން މި ދިޔައީ އިސްލާމްކަމުގެ ފަސް ރުކުނަކީ: 1- ޝަހާދަތުގެ ދެ ކަލިމަ ކިޔުމާއި، 2- ނަމާދު ޤާއިމުކުރުމާއި، 3- ޒަކާތް ދިނުމާއި، 4- ރަމަޟާންމަހުގެ ރޯދަ ހިފުމާއި، 5- ޙައްޖުވުން ކަމުގައެވެ. އެހެންކަމުން އިންސާނަކު އެއީ ކޮންމެ ނަސްލެއްގެ އަދި ކޮންމެ ކުލައެއްގެ ނުވަތަ ކޮންމެ ތަނަކަށް ނިސްބަތްވާ މީހަކު ކަމުގައި ވީނަމަވެސް، އޭނާ މި ފަސް ރުކުން ޤާއިމުކޮށްފިނަމަ، އެއީ މުސްލިމެކެވެ. ހަމަ އެ ބީދައިން މި ކުރުންތައް ޤާއިމު ނުކުރާ ކޮންމެ މީހަކީ ކާފިރެކެވެ. އެފަދަ މީހުންނަށް އިސްލާމުންގެ ލަޤަބުން މުޚާތަބު ނުކުރާނެއެވެ. އަދި ނުވެސް ކުރެވޭނެއެވެ. އިސްލާމްކަމުގެ ފަސް ކުރުނަށް ތަފްޞީލީ ނަޒަރެއް ހިންގާލުމަކީ ވެސް މުހިއްމު ކަމެކެވެ. އެ ގޮތުން ޝަހާދަތުގެ ދެ ކަލިމަ ކިޔުމޭ ބުނެވޭ ބަހުގެ މާނައަކީ، އޭގައި އެވާ އެއްޗަކާ މެދު އެއްވެސް ޝައްކުކުރުމެއް ނެތި ހިތުން ތެދުކޮށް ޤަބޫލު ކުރުމާ އެކު، ދުލުން އެ ދެ ކަލިމަ ކިޔުމެވެ. އަދި އެ ދެ ކަލިމައަށް ހެކިވާގޮތަށް އޭނާގެ ޢަމަލުތައް ބޭރުފުށުން ފެނުމެވެ. ﷲއީ އިތުރު ބައިވެރިޔަކާނުލައި އުޑުތަކާއި ބިން ހައްދަވައި އެ ތަނުގެ ހުރިހާ ކަމެއް ރާއްވަވައި ހިންގަވާ ހަމައެކަނި ފަރާތް ކަމަށް ޤަބޫލުކުރާ މީހާގެ ޢަމަލު ހުންނާނީ އެ ކަމަށް ހެކިލިބޭ ފަދައިންނެވެ. ކަންކަމު އެދި އޭނާ ދަންނަވާނީ ހަމައެކަނި އެއިލާހުގެ ޙަޟްރަތުންނެވެ. އޭނާ ވަކީލުކުރާނީ ހަމައެކަނި އެ އިލާހަށެވެ. ރައްކައުތެރިކަން އެދޭނީ ހަމައެކަނި އެއިލާހުގެ ކިބައިންނެވެ. އަދި ހަމަ އެފަދައިން އޭނާގެ ޢަމަލުތައް ބިނާވެފައި ހުންނާނީ މި އުންމަތުގެ މާތް ސާހިބާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم ދެއްކެވި ނަމޫނާއާއި އިރުޝާދުގެ މަތީގައެވެ. އެ ގޮތާ ޚިލާފުވާ އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ. އެކަލޭގެފާނަށް ޓަކައި އޭނާގެ ލޯބި އުތުރިއަރާނެއެވެ. އެކަލޭގެފާނަށް ކުޑައިމީސް ނުކުރާނެއެވެ. ނަމާދާމެދު ދަންނައެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައިފި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެން އަންނަ ޢައިނިއްޔަ ފަރުޟެއް ކަމުގައި ނަމަދު ވެއެވެ. އެއީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދު ކުރުމާއި ނަމާދު ޤާއިމު ކުރުމަކީ ވަރަށް ތަފާތު ދެ ކަންތައް ކަމުގައި ދީނުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. ބައެއް ވަގުތުތަކުގައި ނަމާދު ދޫކޮށްލެވޭ މީހާ ވެސް، އެއީ ނަމާދުކުރާ މީހަކު ކަމުގައި އޭނާ އަމިއްލައަށް ހެކިވާނެއެވެ. އަދި އެއްވެސް ވަގުތެއް ދޫނުކޮށް ހުރިހާ ވަގުތަކު ނަމާދުކުރާ މީހާ ވެސް ތިމަންނާއީ ނަމާދުކުރާ މީހަކު ކަމުގައި ބުނާނެއެވެ. މި ދެ މީހުންގެ އެއްވެސް ފަރަޤެއް ނުހުންނާނެބާއެވެ؟ ހުންނާނެއެވެ! އެއީ ނަމާދުކުރުމާ ނަމާދު ޤާއިމުކުރުމުގެ ފަރަގެވެ. ނަމާދު ޤާއިމުކުރުމަކީ ނަމާދު ވަގުތު ވަނުމުގެ ކުރިން އޭނާގެ ހިތާއި ގުނަވަންތަކުން އެ ކަމުގެ ތައްޔާރީވެ އެ ނަމާދަށް އިންތިޒާރުކޮށްގެން ހުރެ، ވަގުތު ވަނުމުން ލަސްނުކޮށް ކޮންމެ ނަމާދެއް ވެސް އެ ނަމާދެއްގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރުމެވެ. އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން ދެން އޮތް 3 ރުކުނަކީ ޝަރުޠުހަމަވާ ބަޔަކަށް ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި އަދާކުރަން އޮތް އަޅުކަންތަކެކެވެ. ޒަކާތަކީ ﷲ މުދާ ދެއްވި މީހުންގެ މައްޗަށް އެކަނި ވާޖިބުވާ އަޅުކަމެކެވެ. އެ މުދަލުން ނިޞާބުހަމަވެ، އެ ނިޞާބު މަދުނުވެ ޙިޖުރީ އެއް އަހަރު ހަމަވުމުން އެ މުދަލުގެ ސާޅީސްބައިކުޅަ އެއްބައި އޭގެ ޙައްޤުވެރިންނަށް ދިނުމެވެ. ހަމައެފަދައިން ރޯދަޔަކީ ވެސް ރަމަޟާންމަހާ ބައްދަލުވި މީހާގެ މައްޗަށް އޮތް ކަމެކެވެ. އޭނާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއި، ދަތުރެއްގެ މަތީގައި ނުވުން އެއީ އެ މަހު ރޯދަހިފުން އޭނާގެ މައްޗަށް ވާޖިބުވާ ޝަރުތުތަކެވެ. ބަލިވެ އުޅޭ މީހާއާއި ދަތުރެއްގެ މަތީގައިވާ މީހާ އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުއްޓެވެ. ހަމައެފަދައިން ޙައްޖުވުމަކީ ވެސް ޝަހާދަތް ކިޔާ އިސްލާމްވި ކޮންމެ ފުރާނައަކަށް ވާޖިބުވާ ކަމެއް ނޫނެވެ. އެ ކަމަށް ކެރި ކުޅަދާނަވީ މީހާގެ މައްޗަށް މެނުވީ ޙައްޖު ވާޖިބު ނުވެއެވެ. ކެރި ކުޅަދާނަވުމަކީ ދަތުރަށް ބޭނުންވާ ފައިސާއާއި ކޮއްތު ލިބުމުގެ އިތުރަށް ދަތުރުކުރަން އޮތް މަގު އަމާންވެގެން ވުމެވެ. މި ޝަރުތުތަކާނުލައި އޭނާގެ މައްޗަށް ޙައްޖު ވާޖިބުވެގެން ނުވެއެވެ. އިސްލާމްކަމުގެ ފަސް ރުކުނަށް ބަލާއިރު ޝަހާދަތުގެ ދެ ކަލިމައަށް އިޤުރާރުވި ކޮންމެ މީހެއްގެ މައްޗަށް ނަމާދު ފަރުޟުވެއެވެ. ދެން ހުރި އަޅުކަންތައް ވާޖިބުވަނީ ޝަރުތު ހަމަވާ މީހުންގެ މައްޗަށް އެކަންޏެވެ. ޝަހާދަތް ކިޔައި އިސްލާމްވުމަކީ އެއްވެސް މަޖުބޫރުކަމެއް އޭގެ މައްޗަށް އޮތް ކަމެއް ނޫނެވެ. ކޮންމެ ނަފުސަކަށް ވެސް އެ ކަމުގެ އިޚްތިޔާރު ލިބިގެން ވެއެވެ. މި ކަންއަންގަވައި މާތްﷲ ވަޙީކުރައްވަނީ ﴿لَا إِكْرَاهَ فِي الدِّينِ﴾ (سورة البقرة: ٢٥٦) މާނައީ:" ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ." މަޖުބޫރުކަމާ އެކު މީހަކު އެއްވެސް ދީނަކަށް ނުވެއްދޭނެއެވެ. ވައްދައިގެން ވެސް ނުވާނެއެވެ. އެހެނީ ދީނަކީ މީހާގެ ހިތުގައި ޤާއިމުކުރާ އެއްޗެކެވެ. އަނިޔާވެރިކަމާއި ގަދަބާރުން މީހަކުލައްވައި ޢަމަލުތަކެއް ކުރުވުމަކުން އޭނާގެ ހިތުގެ އީމާނަށް ބަދަލެއް ނާންނާނެއެވެ. އެ މީހެއްގެ ހިތުގައި އިސްލާމްދީނަށް ނަފްތަރު އޮތް ކޮންމެ މީހަކީ ކާފިރެކެވެ. އަދި ހިތުން އީމާންވެ، ޝަހާދަތުގެ ދެކަލިމައަށް ހެކިވެ، އެ ކަމުގެ މަތީ ސާބިތުވެއްޖެ ކޮންމެ މީހަކީ މުސްލިމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ