ދިވެހިބަހުގެ ކޯސް މިފަހަރު ކުރިއަށްގެންދިޔައީ އަރިއަތޮޅު ދެކުނުބުރީގައި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ, ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ. ދިވެހިބަހުގެ އެކެޑަމީން ބުނީ މިފަހަރު ކޯސް ކުރިއަށްގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އދ. މަހިބަދޫގައި ކަމަށެވެ. އެ ކޯހުގައި އދ. އަތޮޅު ކައުންސިލް މުވައްޒަފުންނާއި އދ. އަތޮޅުގެ ބައެއް ރަށު ކައުންސިލްތަކުގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ. ދިވެހިބަހުގެ ކޯސް މިފަހަރު ކުރިއަށްގެންދިޔައީ އަރިއަތޮޅު ދެކުނުބުރީގައި -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ އެކެޑަމީން މައުލޫމާތު ދިން ގޮތުގައި، 10 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި 38 މީހުން ބައިވެރިވެފައިވާއިރު، 26 މީހަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ. އެކެޑަމީން ބުނީ އެ ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތް ކަމަށެވެ. ދިވެހިބަހުގެ ކޯސް ނިންމި 26 މީހަކު ސަނަދު ހާސިލުކޮށްފައިވޭ -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ އެކެޑަމީން ބުނީ އެފަދަ ކޯސްތައް ބޭއްވުމުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތައް ދަސްކޮށްދީ، ދައުލަތުގެ މުވައްޒަފުންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުން ކަމަށެވެ. އެ ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރާއި ދިވެހި މުދައްރިސް އަމްޖަދު ރަޝާދު ކަމަށް އެކެޑަމީން ވަނީ މައުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ