ހުޅުމާލޭ ފޭސް 1ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުން އަވަސްކުރުމަށްޓަކައި ސިފައިންނާ ހަވާލުކުރި މަސައްކަތް އަމަލީ ގޮތުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުން އަވަސްކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މީގެ ކުރިން އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރާ އެކު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު މަސައްކަތުގެ ބޮޑު ބައި އޮތީ ނުނިމި އެވެ. އެއާ އެކު ރައީސް ނިންމެވީ ކޮންޓްރެކްޓު އާނުކޮށް، އެ މަސައްކަތް އެމްއެންޑީއެފްއާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށެވެ.
ތަފްސީލު - އެމްއެންޑީއެފްއިން ބުނީ އޮރެންޖު ހިޔާގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން އެތަން އަލުން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާނެ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
މަސައްކަތް ނިންމަން އަމާޒުހިފާފައިވަނީ 25 އޭޕްރީލަށެވެ.
އެ މަސައްކަތް ކުރިއަށްގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. އެގޮތުން:
ޖުމުލަކޮށް މުޅި މަސައްކަތް ހަވާލުކުރީ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންނާ
ކަރަންޓާއި އޭސީގެ މަސައްކަތްތައް ކުރާނީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން
އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ހަވާލުކުރީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނާ
އަމަލީ މަސައްކަތް ފެށުމާ އެކު އޮރެންޖު ހިޔާ ބައްލަވާލައްވަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ސިފައިންގެ އިސް ބޭފުޅުން ވަނީ މިއަދު އެތަނަށް ވަޑައިގެންފަ އެވެ.
އެނގުން މުހިންމު - ތެލަސީމިއާއަށް ފަރުވާ ދިނުމަށް މިިހާރު ބޭނުންކުރަމުން އަންނަ ތެލަސީމިއާ ސެންޓަރުގެ ހާލަތު ބޭނުންނުކުރެވޭ ވަރަށް ވަނީ ގޯސްވެފަ އެވެ.
އެ ތަނުން ލިބެންޖެހޭ ބޭސް ނުލިބުމާއި ފިލްޓަރުތައް ހަލާކުވުން ފަދަ ބޮޑެތި މައްސަލަތައް އެތަނުގައި ހުރުމާ އެކު ތެލަސީމިއާއަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތަކުން މިފަހުން މުޒާހަރާ ވެސް ކުރި އެވެ.
އޭގެ ފަހުން ރައީސް ވަނީ ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކޮށް، އާންމުންގެ ކަންބޮޑުވުންތައް އައްސަވައި، ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އާ ޑިރެކްޓަރު ޖެނެރަލެއް އައްޔަންކުރެއްވި؛ އެއީ ކުރިން އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވާފައިވާ މެނޭޖުމަންޓް ދާއިރާގެ ތަޖުރިބާ ހުރި އަހުމަދު މައުސޫމް
ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށާއި ޑިރެކްޓަރެއްގެ މަގާމަށް ބޭފުޅުން ހަމަޖައްސާނެ ކަމަށް ހެލްތު މިިނިސްޓްރީން ބުނި
ވަރަށް އަވަހަށް ޑޮކްޓަރެއް ވެސް ހޯދާނެ
ފަސް ނަރުހުން ހޯދަން އިއްޔެ ވަނީ އިއުލާންކޮށްފައި
އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން
އޭގެ އިތުރުން އެ ތަނުގެ މެނޭޖުމަންޓުން ބައެއް މީހުން ވަކިކޮށްފައި ވެސް ވެ އެވެ. އެގޮތުން:
އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރުކަމުން ފައިސަލް އިބްރާހީމް ވަކިކޮށް ދަމަނަވެއްޓަށް ވަނީ ބަދަލުކޮށްފައި
އެމްބީއެސްގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުރި އަހުސަން ހުސައިން ވެސް ވަނީ މަގާމުން ވަކިކޮށްފައި
ސިފައިންނާ ހަވާލުކުރި އާ ތެލަސީމިއާ ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ