ނަމާދުގެ ޖަމާއަތްތަކުގައި އެކި ކަހަލަ ހާލަތްތަކުގައިވާ ދިގުކޮށް ނަމާދުކުރަން އުނދަގޫވާ އުޒުރުވެރިން ތިބޭނެކަން ވިސްނަންޖެހޭ ކަމަށާއި ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގައި ކިޔަވާ ކިޔެވުން ކުރު ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތަރާވީސް ނަމާދާއި ދަމުނަމާދު ފަދަ ނަމާދުތަކުގައި ބައެއް މިސްކިތްތަކުގައި ދިގުކޮށް ކިޔަވައިގެން ޖަމާއަތް ކުރިއަށް ގެންދިއުމާއި މިސްކިތްތަކާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް އަޑުގަދަކޮށް ނަމާދުކުރުން ފަދަ ކަންކަމާ ގުޅިގެން ބައެއް މީހުންގެ ޝަކުވާތައް ބޮޑެވެ.
ބުނީ ކީކޭ؟ - މިކަމަށް އިޝާރާތްކުރައްވައި ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި އަމަލުކުރުމަށް ދަނެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިގުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫނެވެ. އަހުކާމްތަކަށް ތަތުބީގުކުރުމަށް ދެނެގަތުމުން ފުދޭނެ އެވެ،" ޝަހީމް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގަައި ޝަހީމް ނެންގެވީ 7 ޖަހާއިރު އީދު ނަމާދު ފަށާއިރު، 7ގައި ތެދުވެ ވަގުތުން ހަށަން ބަނުމުގެ ބަދަލުގައި ޖަމާއަތުގެ ސަފުތައް ތަރުތީބުކޮށްލެވޭނެހާ ވަގުތު އޮތްވައި ތެދުވެ، ސަފު ތަރުތީބު ކުރުމަށް ޖާގަ ދިނުމެވެ.
ހަމަ އެގޮތަށް ފަރުލު ނަމާދު ކުރާ ނަމަ، އިމާމުން ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވީ:
ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުން
ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ، ނަމާދު އަވަސް ކުރުން
ހަމަ މިގޮތައް ދަމުނަމާދާއި ޖަމާއަތުގައި ނަމާދުކުރާއިރު ރުކޫ އާއި ސުޖޫދު ކުރުމުގައި އެހާ ގިނަ އިރު އެ ގޮތަށް ނުތިބެވޭ ބަލިމީހުންނާއި އުޒުރުވެރިން ޖަމާއަތުގައި ތިބޭނެ ކަމަށް ވިސްނުން
ގަދަ އަތްވައި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާއަތް ކުރުކުރުން
"އާއްމު ހާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާ އެކު ނަމާދުގެ ޖަމާއަތް ގެންދިއުމާއި ނަމާދުގައި ހުޝޫއަތްތެރިވެ ނަމާދުކުރުމާއި މި ހުރިހާ ކަމަކީ ވެސް ފިގުހުވެރިވުމުގެ ތެރެއިންވާ ކަންކަމެވެ،" ޝަހީމް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ކައިރި ކައިރީގައި މިސްކިތްތައް ހުންނައިރު ކޮންމެ މިސްކިތަކުން ތާޅަފިލި ޖައްސައިގެން އަޑުހަރުކޮށް ނަމާދު ކުރާތީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ވެސް ބޮޑެވެ. މިކަމަށް އިޝާރާތްކުރައްވާ ވެސް ޝަހީމްގެ ޕޯސްޓުގައި ލިއުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ، ތާޅަފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމަކީ ވެސް އިމާމުން ފިގުހުވެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީ އާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމަކަށްވާތީ އެވެ. ނަމަވެސް މި ހާލަތުގައި ވެސް ބަންގި ގޮވާއިރު ތާޅަފިއްޔަށް އަޑު ދޭން ޖެހެ އެވެ. އެެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިއުލާން ކުރުމަށެވެ،" ޝަހީމްގެ ޕޯސްޓުގައިވެ އެވެ.
ޖަމާއަތުގައި އުޒުރުވެރިން ތިބޭނެކަން ވިސްނައި ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ