ގިނަ ބައަކަށް މަރުވުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއް ސަބަބު-

ޞަދަޤާތް ކުރުމާއި ބެހޭ ގޮތުން ތަކުރާރުކޮށްވެސް ހަނދާންކޮށްދޭން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި މަރުވުމަށްފަހު އެންމެ ގިނަ ބައަކު ހިތާމަކުރާނީ ދުނިޔޭގައި ހުރިއިރު ޞަދަޤާތް ނުކުރެވުނީތީ ކަމެވެ. ޞަދަޤާތްކުރަން ﷲ ތަޢާލާ ދެއްވެވި ފުރުޞަތުތަކުގެ ބޭނުން ނުކުރެވުނީތީކަމެވެ.
ކައްވަޅަށް ތިމާއާއިއެކު ގެންދެވޭނީ ތިމާ ކުރި ހެޔޮ ޢަމަލެކެވެ. އާޚިރަތް ދުވަހު މަޙްޝަރަށް ތިމާއާއިއެކު ގެންދެވޭނީ ތިމާއާއިއެކު ކައްވަޅަށް ގެންދެވުނު އެއްޗެކެވެ. ވީމާ ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ދުވަސްކޮޅު މިކަންކަމަށް ވިސްނައި ކުރެވެން އޮތް އެންމެ ގިނައަކުން ޞަދަޤާތްކުރާ މީހަކަށްވާށެވެ!
ޞަދަޤާތްކުރުމާއިމެދު ގިނަ ބއަކަށް ވިސްނެނީ އެއީ ހަމައެކަނި ތަނަވަސްކަން ލިބިގެން ތިބި މީހުން ކުރަން އޮތް ކަމެއް ކަމަށެވެ. އަނެއް ބައަކު ވިސްނަނީ ޞަދަޤާތްކުރުމަކީ ތިމާގެ ހުރިހާ ބޭނުންތަކެއް ފުދި އިތުރުވުމުން ކުރަން އޮތް ކަމެއް ކަމަށެވެ. އަނެއް ބައަކު ވިސްނަނީ އެއީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ކުރަން އޮތް ކަމެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ވިސްނަންވީ ބައެއް ކަންކަން ފާހަގަކޮސްލާނަމެވެ.
މީހަކު ކަމަކަށް އެދުމުން އެމީހާގެ ބޭނުން ފުއްދައިދީފިނަމަ ތިމާއަށް ދަތިވެދާނެކަން އެނގިހުރެވެސް ދަހިވެތި ނުވެ ޞަދަޤާތްކުރާށެވެ! އެއިރުން ތިބާގެ އަމިއްލަ ބޭނުންތަކަށްވުރެ އިސްކަން އެދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ދުނިޔޭގައި ތިބާއަށް ހުރި ދަތިތައްވެސް ފިލައިގެންދާނެއެވެ! އަދި ތިބާ ވާނީ އާޚިރަތުގައިވެސް ބާއްޖަވެރިއަކަށެވެ!
ބަލަންވީ ޞަހާބީން ޢަމަލުފުޅު ކުރެއްވެވި ގޮތަށެވެ! ގެކޮޅުތަކުގައި ތުއްޕުޅު ބޭފުޅުންނަށް (ކުދި ދަރިންނަށް) ދެއްވަވަން ހުރި އެންމެ ފަހަރެއްގެ ފުރާޤުވެސް ޞަދަޤާތް ކުރެއްވެވިއެވެ. އެބޭކަލުން ހުރިހާ ސަމާލުކަމެއް ދެއްވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށެވެ! އަހަރެމެން މިއަދު ފަސް މިޖެހެނީ ކީއްވެގެން ހެއްޔެވެ؟
އުމުރުން ދުވަސްވެ ބަލިޙާލުގައި ޖެހުމުން ތިބާގެ އަތުން އޮންނާނީ ޞަދަޤާތް ނުކުރެވިފައެވެ. ޞަދަޤާތް ކުރަން ވެސް އޮންނާނީ އެހެން މީހެއްގެ އެހީތެރިކަމަށް އެދެން ޖެހިފައެވެ. އެކަން ފުރިހަމަވެގެންދާ މިންވަރުވެސް އޮންނާނީ ޔަޤީން ނުކުރެވިފައެވެ.
މަރުމަތީގަ ޞަދަޤާތްކުރަން އެހެން މީހުންނަށް ވަޞިއްޔަތްކުރަން މަޑުނުކުރާށެވެ! އެ ފުރުޞަތު ނުލިބި މަރުވެސް ވެދާނެއެވެ! ވީމާ ގައިގައި ބާރުހުރެ، ސަލާމަތް ޞިއްޙަތުގައި ހުރެ ޞަދަޤާތްކޮށް ނިންމައިލާށެވެ! އެންމެ އިތުރުކަން ބޮޑީ އެމީހާގެ އަތުން ސިއްރިޔާތުގައި ކުރާ ޞަދަޤާތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ