ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ ވަކީލު އަލީ އަބްދުއްލަތީފް ކޮމިޝަނުން ދުރުކުރުމަށް ހުށަހަޅަންޖެހޭ ޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ވީކިހިނެއް؟ - ގާނޫނުއަސާސީއަށް މި ފަހުން އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށް، ސުލޫކީ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޓީގައި ވަކީލު އަލީ އިންނަވަ އެވެ.
އެ މައްސަލާގައި ޖޭއެސްސީން އަލީ ދުރުކުރުމަށް ގޮވާލާ ޕެޓިޝަން ވަނީ ވަކީލުން ތިބޭ ޓެލެގްރާމް ގްރޫޕަކަށް ހިއްސާކޮށްފަ އެވެ.
ތަފްސީލް - އަޒްމިރަލްދާއާއި މަހާޒާއެކު ފެބްރުއަރީ 26ގައި ސަސްޕެންޑްކުރި އަދި މާޗު 4ގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަކީލުންގެ ޓެލެގްރާމް ގްރޫޕަށް ޕެޓިޝަން ފޮނުއްވުމަށް ފަހު ވިދާޅުވީ ޖޭއެސްސީގެ މެންބަރު ކަމުން އަލީ ވަކިކުރުމަށް ބާ ކައުންސިލަށް އިލްތިމާސެއް ހުށަހެޅުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.
ޕެޓިޝަނަށް ސޮއި ފޮނުވުމަށް ހަމަޖެހިފައިވަނީ ބާ ކައުންސިލްގެ ޕެޓިޝަން މެއިލަކަށެވެ. ސުއޫދު ފޮނުއްވި މެސެޖުގައި ލިއުއްވާފައިވާ ގޮތުގައި އެއީ ޕެޓިޝަނުގައި ސޮއިކުރައްވާ ވަކީލުންގެ މައުލޫމާތު ރައްކާތެރިކަމާއެކު ހިފެހެއްޓުމުގެ ބޭނުމުގަ އެވެ.
އެ ގްރޫޕަށް ސުއޫދު ފޮނުއްވި ޕެޓިޝަނުގައި ބުނެފައިވަނީ އެ މަސައްކަތް ކުރަމުންދަނީ ގާނޫނުއަސާސީގެ 165ވަނަ މާއްދާއާއި ގާނޫނީ ފަންނުގެ ގާނޫނުގެ 7ވަނަ މާއްދާގެ ދަށުން ޖޭއެސްސީއަށް ވަކީލުން އިންތިހާބުކުރާ މެންބަރު ވަކިކުރުމުގެ މަަސައްކަތް ހިންގުމަށެވެ. އެ ގޮތުން:
ގާނޫނުއަސާސީގެ 165 ވަނަ މާއްދާގައި ބުނަނީ ޖޭއެސްސީއަށް އައްޔަންކުރާ މެންބަރަކު ވަކިވާނީ އައްޔަންކުރި ހައިިސިއްޔަތު ގެއްލުމުން ނުވަތަ އައްޔަންކުރި ފަރާތް އޭނާ ވަކިކުރުމަށް ކަނޑައެޅުމުން ކަމަށް
ގާނޫނީ ފަންނުގެ ގާނޫނުގެ 7ވަނަ މާއްދާގެ (ލ) ގައި ބުނަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އުސޫލުގެ ތެރެއިން ވަކީލުންގެ ފަރާތުން އައްޔަންކުރާ މެންބަރު ވަކިކުރުމަށް ހިންގަން ޖެހޭ އިޖުރާއަތް
އެ ވަކީލަކު ވަކިކުރަން ބޭނުންވާނަމަ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ތެރެއިނ ް%20 ވަކީލުން ސޮއިކޮށް ބާ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅަން ޖެހޭ
އެފަދަ ޕެޓިޝަނެއް ބާ ކައުންސިލަށް ހުށަހަޅައިފިނަމަ، ޕެޓިޝަން ހުށަހެޅިތާ 14 ދުވަހުގެ ތެރޭގައި އެ މެންބަރަކު ޖޭއެސްސީން ވަކިކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ
އެނގުން މުހިންމު - ވަކީލު އަބްދުއްލަތީފްއާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހް އަދި ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި ޔަޒްމީދު މުހައްމަދު ތިއްބަވާ ކޮމިޓީއަކުން މައްސަލައެއް ބެލުމަށް ފަހު ކޮމިޓީން ވަނީ އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް ނިންމައިފަ އެވެ. އެ ގޮތުން:
އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ތަހުގީގު ހިންގުމަށް ފަހު، އެކުލަވާލި ތަހުގީގު ކޮމިޓީގެ ފަހު ރިޕޯޓްގައި
ފަނޑިޔާރުކަމުން ވަކިކުރުމުގެ ފަހު ނިންމުން ނިންމާނީ ކޮމިޝަނުން ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައި؛ އޭގެ ކުރިއަށް ތަހުގީގު ކޮމިޓީގެ ފަހު ރިޕޯޓަށް ފަނޑިޔާރުން ޖަވާބު ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހޭ އަދި އެ މުއްދަތު މިހާރު ވަނީ ހަމަވެފައި
މީގެ އިތުރުން ވެސް ދެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ:
ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
ފަސްފަހަތް - ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަސް ދުވަސް ވީ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
ސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ. މިހާރު ފަސް ފަނޑިޔާރުން ހަމަވި ނަމަވެސް ސަސްޕެންޝަނުގައި ތިއްބެވި ފަނޑިޔާރުންނާ މެދު ގޮތެއް ނިމެންދެން ދުސްތޫރީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ޖޭއެސްސީގައި ވަކީލުން ތަމްސީލްކުރާ މެންބަރު ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ