ފަވާދުގެ ފިލްމު އިންޑިއާގައި ރިލީޒްކުރަން ހުރަސްތަކެއް

ކަޝްމީރުގެ ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ބަޑީގެ ހަމަލާގެ ހާދިސާއަށް ފަހު ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންގެ ބޮލީވުޑް ފިލްމު "އަބީރު ގުލާލް" އިންޑިއާގައި ރިލީޒްކުރުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ފަތުރުވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ 26 މީހަކު މަރާލީ ހަމަލާއާ ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނުން ކަޝްމީރުގައި ޓެރަރިޒަމްގެ ހަރަކާތްތަކަށް ތާއީދުކުރާ ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް އިންޑިއާގައި މަސައްކަތް ކުރުމަށް ދިން ހުއްދަ ބާތިލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "އަބީރު ގުލާލް"ގެ މިއުޒިކް ލޯންޗު ކުރުމަށް ދުބާއީގައި ބޭއްވި ހަފްލާގައި ފަވާދު ޚާން އަދި ވާނީ ކަޕޫރު--ފޮޓޯ/ފިލްމުފެއަ ފަވާދު ޚާނާއި ބޮލީވުޑް ބަތަލާ ވާނީ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ "އަބީރު ގުލާލް" އަންނަ މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު ފިލްމު ރިލީޒްކުރުން ފަސްކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އިންޑިއާގައި މި ފިލްމު ރިލީޒްކޮށްފިނަމަ ނުކުންނާނެ ނަތީޖާއަކާ މެދު ފިލްމު ތިއޭޓަރުތައް ހިންގާ ފަރާތްތަކުންނާއި ފިލްމު ޑިސްޓްރިބިއުޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފިލްމު "އަބީރު ގުލާލް" އިންޑިއާގައި ރިލީޒްކުރުމާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ދެ ޕާޓީއަކުން މީގެކުރިން ވެސް ވަނީ އަޑު އުފުލާފައެވެ. އެހެންކަމުން ކަޝްމީރުގައި ދެވުނު ޓެރަރިޒަމް ހަމަލާއާ ގުޅިގެން މި ފިލްމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށާއި އެކަމާމެދު ގޮތެއް ނިންމަން އަދި ދަތި ކަމަށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން ވަނ ބުނެފައެވެ. ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ބޮލީވުޑަށް އެނބުރި އަންނަ މި ފިލްމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަމުން އަންނައިރު ފިލްމު "އަބީރު ގުލާލް"ގެ ލަވަތައް އިންޑިއާގެ ސަރެގާމާ ކުންފުނިން ވަނީ ނަގާފައެވެ. މި ފިލްމުގެ ލަވަތައް ހިމެނޭ ޖޫކްބޮކްސް ކަލެކްޝަން މި މަހުގެ 19 ވަނަ ދުވަހު ޔޫޓިއުބަށް އެ ކުންފުނިން އަޕްލޯޑުކޮށްފައިވީ ނަމަވެސް މިހާރު އެއްވެސް ލަވައެއް ފެންނާކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ