ދުވާފަރުން51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރ. ދުވާފަރުގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ދުވާފަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަންގެ ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ބައެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:00 އިން ހަވީރު 17:45 އަށެވެ.
އިމިގްރޭޝަންގެ އިސްވެރިއެއް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކުރެވުނެވެ. އޭގެ ތެރެއިން 51 ބިދޭސީއަކީ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބައެއްކަން ފާހަގަކުރެވުނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ދުވާފަރު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ޤައުމުގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ