އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރަނީ އައްމަޑޭ، ސްމައިލީ އަދި ހޫބްސް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރަނީ އައްމަޑޭ، ސްމައިލީ އަދި ހޫބްސް

އިންޑިއާގެ ޓެމިލް ނާޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންގެ ގޮތުގައި އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) ހަމަޖެހިއްޖެ އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ގައުމީ ސީނިއާ ސްކޮޑް އެކުލަވާލުމުގެ ޓްރައިލްސް ތަކުގެ ފައިނަލް ހީޓު މިއަދު ކުރިއަށްދިޔައިރު، ފައިނަލް ހީޓުގައި ވާދަކުރީ އައްމަޑޭ، ސްމައިލީ، ހޫބްސްގެ އިތުރުން ނަޖާހު މުހައްމަދު އެވެ.
ފައިނަލް ހީޓުގެ އެއްވަނަ އައްމަޑޭ ހޯދީ 14.00 ސްކޯކޮށްގެންނެވެ. އައްމަޑޭ އެންމެ މަތިން ސްކޯކުރީ ފަސްވަނަ ރާޅުގައި އަދި އަށްވަނަ ރާޅުގަ އެވެ. ފަސްވަނަ ރާޅުގައި އޭނާ ވަނީ 7.67 ސްކޯކޮށްފަ އެވެ. އަދި އަށްވަނަ ރާޅުގައި ވަނީ 6.33 ސްކޯކޮށްފަ އެވެ.
ދެވަނަ އަށްދިޔަ ސްމައިލީ އަށް ސްކޯކުރެވުނީ 9.13 އެވެ. އޭނާ އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ ރާޅު އަދި ހަވަނަ ރާޅުގަ އެވެ. ސްމައިލީ ހަތަރުވަނަ ރާޅުގައި 4.13 ސްކޯކުރިއިރު، ހަވަނަ ރާޅުގައި، 5.00 ސްކޯކުރި އެވެ.
ތިންވަނަ އަށްދިޔަ ހޫބްސް އަށް ސްކޯކުރެވުނީ 8.46 އެވެ. އޭނާ އެންމެ މަތިން ސްކޯކުރީ ދެވަނަ ރާޅުގައި އަދި ހަތަރުވަނަ ރާޅުގަ އެވެ. ދެވަނަ ރާޅުގައި އޭނާ ވަނީ 5.83 ސްކޯކޮށްފަ އެވެ. އަދި ހަތަރުވަނަ ރާޅުގައި 2.63 ސްކޯކުރި އެވެ.
މިދިޔަ ދެ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ރާއްޖޭގަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ދެ މުބާރާތުގެ ވެސް ލޯ މެޑަލް ރާއްޖޭގެ ސާފިން ޓީމުން ވަނީ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ