ކޮމިޝަނުން ދާއޫދަށް ބޮޑެތި ތުހުމަތު؛ އެކަމަކު އަދިވެސް ސަސްޕެންޝަންގައި

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލްއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަންކަން އިތުރަށް ތަހުގީގުކުރަން ލަފާ ދީފި އެވެ.
ވީ ކިހިނެއް؟ - އޭޕްރީލް 18ގައި ޔުމްނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ފަހު، އެ މައްސަލަ ހޫނުވެގެން ހިނގާ ދިޔަ ކަންތައްތަކުގައި ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓަޖީގެ އަންޑަސެކްރެޓަރީގެ މަގާމުން ދާއޫދު ސަސްޕެންޑުކޮށް، ޔޫތު ކައުންސިލުން އޭނާ ވަނީ ވަކިކޮށްފަ އެވެ.
އެ މައްސަލަ ހޫނުވިއިރު، ޔުމްނުއާ އެކީ އޭނާ ވެއްޓުނު އިމާރާތަށް ވަންނަނީ ދާއޫދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލް އެވެ. ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އޭގެ ފަހުގައި، ދާއޫދު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ތަން ފެންނަ ފޮޓޯ އާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އަދި އޭނާ ސަސްޕެންޑު ކުރީ އެ ހާދިސާއާ ގުޅިގެން އާންމުން އޭރު ކުރި މުޒާހަރާތަކުގައި އޭނާ މަގާމުން ވަކިކުރުމަށް އާންމުން ގޮވަމުންދިޔަ ދަނޑިވަޅެއްގަ އެވެ.
ތަފްސީލު - ރިޔާސީ ކޮމިޝަނުން އިއްޔެ އާންމުކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދާއޫދު އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި އެ ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި ތަފާތުތަކެއް ހުރުމާ އެކު، އޭނާ ދިނީ ދޮގު ބަޔާންތަކެއް ކަން ވަނީ ފާހަގަވެފަ އެވެ.
ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވަނީ:
ރައުދުއާ ދިމާވީ 18 އޭޕްރީލްގެ ފަތިހު 5:30 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައި
ހ. މާއިރާއަށް ރައުދު ވަނީ އަމިއްލައަށް، އޭނާ ގެއަށް ގެނައީ ކާކުކަން ނޭނގޭ ކަމަށް
ސަރުކާރުގެ އެއްވެސް އިސް މީހަކާ މި މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ނުކުރާ ކަމަށް
ޔުމްނު ވެއްޓުމާ ބެހޭ އެއްވެސް ވާހަކައެއް ރައުދު، ދާއޫދުގެ ގާތުގައި ނުބުނާ ކަމަށް؛ ޔުމްނު ވެއްޓުނުކަން އެނގުނީ ރައުދު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހު އައިއޯ ބުނުމުން ކަމަށް
އެހެން ނަމަވެސް 18 އޭޕްރީލްގެ އެކި ވަގުތުތަކުގައި ދާއޫދު ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއަށް ގުޅައިގެންނާއި މެސެޖުން ވާހަކަ ދައްކާފަ އެވެ. ދާއޫދު އިހުސާންއާ ހިއްސާކުރީ ރައުދު ހައްޔަރުކުރުމާ ބެހޭގޮތުންނެވެ.
އެކަން ބަލަން ރައުދުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފުލުހުން އެ މައްސަލައިގައި ޕްރައިމް ސަސްޕެކްޓެއްގެ ގޮތުގައި ބަލަނީ ރައުދު ކަމާއި އެހެން ނަމަވެސް މިއީ އޮޅިގެން ހިނގާ ކަންތައްތަކެއް ކަމަށް ވެސް ދާއޫދު ބުނެފައިވެ އެވެ.
ދާއޫދު ދިރިއުޅޭ ގޭގެ ބޭރުގައި ނޫސްވެރިން ތިބިކަން ހިއްސާކުރުމުން އެ ގޭގައި އެއްވެސް ކަމެއް ހިނގައިގެން އުޅޭތޯ ބަލަން އިހުސާން ވަނީ އޭރު ސީޕީއަކަށް ހުންނެވި އަލީ ޝުޖާއު ނުވަތަ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ އިސްވެރިޔާ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ގުޅުއްވާފަ އެވެ.
މީގެ އިތުރުން ދާއޫދު އާއި އޭނާގެ ރައްޓެހިން ދިން ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ހާދިސާއަށްފަހު ރައުދު ގެއަށް ވަނީ އޭނާ އަމިއްލައަށް ކަމަށް ބުނި ނަމަވެސް، ދާއޫދު ރައުދު ބަލާ އެ ގޭ ތިރިއަށް ފޭބިކަމަށް، އެ ވަގުތު އެތަނުގައި ތިބި އޭނާގެ ދެ އެކުވެރިން ވަނީ ބުނެފަ އެވެ.
ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން ކޮމިޝަނުން ފާހަގަކުރީ އެ މީހުން ތަހުގީގަށް ކަމެއް ސިއްރު ކުރާ ކަމަށެވެ. އަދި ކޮމިޝަނުން ތުހުމަތު ކުރަނީ ޔުމްނު ވެއްޓުނުކަން ރައުދު، ދާއޫދުއާ ހިއްސާކުރި ކަމާއި ދާއޫދު ވެސް އެކަން ސިއްރުކުރީ ކަމަށެވެ.
އެކަމުގެ ސަބަބުން ޔުމްނު ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކޮށް ކޮމިޝަނުން ބުނީ "މި ހާދިސާގައި ރައުދު އަހްމަދުގެ އިހުމާލާ އެއްވަރަށް އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަހްމަދާއި އެވަގުތުހ. މާއިރާއިން ރައުދު އަހްމަދުއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭކަމަށް މި ކޮމިޝަނަށް ފެންނާތީ އެކަން ކަމާބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރުމަށް" ފެންނަ ކަމަށެވެ.
އެނގުން މުހިންމު - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީ ގާނޫނުލްއުގޫބާތުގެ އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. އެއީ އަސާސީ މިންގަނޑު ބަލާއިރު 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. އަދި އެންމެ މަތީ އަދަބަކީ 1 އަހަރަށް ޖަލަށް ލުމެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓުގައި ދާއޫދު ދޮގު ބަޔާންދިން ކަމަށް ތުހުމަތު ކޮށްފައިވާއިރު، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް ހުރީ ސަސްޕެންޝަންގަ އެވެ. އަދި އެކަމާ ބެހޭގޮތުން ރައީސް އޮފީހުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ގުުޅުން ހުރި -  އެ މައްސަލައިގެ ތެރޭގައި ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ