ޖިނާއީ އަދި ސްލޫކީ މައްސަލަތަކެއް ބެލުމަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކޮށްފައިވާ ތިން ފަނޑިޔާރުންގެ ސަސްޕެންޝަންް އުވާލައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަަނިކޮށެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:
މިހާރު އިސްތިއުފާދެއްވާފައިވާ ހުސްނުއްސުއޫދު
މަހާޒް އަލީ ޒާހިރު
ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގަައި އޮތް ދުސްތޫރީ މަައްސަލައަށް ނުފޫޒު ފޯރުވަން ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖު ކުރުމަށް ސުއޫދު ހުންނެވީ މިހާރު އިސްތިއުފާ ދެއްވައިގެންނެވެ. އަދި ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމުން އެ މައްސަލަ ވެސް މިހާރު އޮތީ މަޑުޖެހިފަ އެވެ.
ތަފްސީލް - ތިން ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ނިންމައިދީ، އެ ނިންމުން ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރު އަދި ގާނޫނީ ވަކީލު ހަނީފާ ހާލިދު އެވެ.
އެ މައްސަލާގައި އެދިފައިވަނީ:
ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމި ޖޭއެސްސީގެ ބައްދަލުވުމަކީ ގާނޫނާ ހިލާފު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގެ އެއްވެސް ނިންމުމެއް ސައްހަ ނުވާނެ ކަމަށް ނިންމައި ދިނުމަށް
އެ ޖަލްސާގައި ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް
ތިން ފަނޑިޔާރުން އަލުން މަސައްކަތަށް ނިކުތުމަށް އެންގުމަށް ޖޭއެސްސީއަށް އަމުރުކޮށްދިނުމަށް
ކުރިއަށް އޮތްތަނުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު ކޯޓުގެ މަސައްކަތް ނުހުއްޓޭނެކަން ކަށަވަރުކުރަން އަމުރުކޮށްދިނުމަށް
އެ މައްސަލާގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ ދުސްތޫރީ ނިޒާމު ހުއްޓުމަކަށް އައިސް، ރައްޔިތުންގެ އަސާސީ ހައްގުތައް މަހުރޫމުވުމުގެ ފުރުސަތު އޮތް ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އެ ކޮމިޝަނުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި މަގުސަދުތަކާ ދުރަށް ދާނެ ގޮތަށް މާނަކޮށް، ހެޔޮ ނިޔަތެއްނެތި ވަކި މަގުސަދެއް ހާސިލުކުރަން ކަމަށް ބުނެފައި ވެއެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމިއިރު އެއްވެސް ފަނޑިޔާރެއްގެ ބަހެއް ހޯދާފައި ނުވަނީ ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ)ން ބާރު ލިބިގެން ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކަމާ މެދު ސުވާލު އުފައްދައި އެއީ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލާގައި ބުނެފައިވަނީ އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށާއި އެ މާއްދާގެ ބޭނުން ޖޭއެސްސީން ހިފާފައިވަނީ ކޮމިޝަނަށް ގާނޫނުއަސާސީން ލިބިދޭ މުސްތަގިއްލުކަމަށް އުނިކަން ލިބޭނެ ގޮތަށް ކަމަށެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަންނަން ނިންމައި ބުނެފައިވަނީ ދައުވާގެ ސީގާގައި ބަޔާންކުރާ ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ތައާރަޒުވާ ކަމަށް ބެލެވޭނެ ހަަމައެއް މައްސަލާގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ:
ފަނޑިޔާރުންގެ ބަހެއް ހޯދަން ލާޒިމުނުވާ ކަމަށް ބުނާ މާއްދާ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް މައްސަލާގައި ބުނެފައި ވިޔަސް ތައާރަޒުވާ ގޮތެއް ބުނެދީފައެއް ނުވޭ
އެ މާއްދާ ގާނޫނުއަސާސީއާ ހިލާފުވާކަމެއް މައްސާލާގައި ބަޔާންކޮށްފައެއް ނުވޭ
ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އެ ފަނޑިޔާރެއްގެ ބަހެއް ހޯދުން ކޮމިޝަނަށް ލާޒިމުވާނެކަން ދޭހަކޮށްދޭ ގޮތަކީ ކޮބައިކަމެއް ވެސް މައްސަލާގައި ބަޔާންކޮށްފައެއް ނުވޭ
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ