ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރަން އެދިއްޖެ
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުދިންގެ ކަރާމާތަށް އުނިކަން އަންނަހެން އެކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު އެދިއްޖެއެވެ. އެކި މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންގެ ޒާތީ މައުލޫމާތާއި ފޮޓޯތައް ސޯޝަލްމީޑިއާގައި ދޭތެރެއަކުން ދައުރުކުރެއެވެ. އެކަމަށް ރިއާޔަތްކޮށް، އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް އެއްވެސް މީހަކު އެކުދިންގެ ޒާތީ މައުލޫމާތު އާންމުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާ އެ ނޫނަސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ފޮޓޯއެއް ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެ ކުއްޖަކީ ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ތަނެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް އެ ގާނޫނުގައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެހެންނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކާ ވީޑިއޯތަކުގެ ސަބަބުން އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެކުދިންގެ ކަރާމާތަށް އުނިކަން ލިބޭތީ އެ ވުޒާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވެ، ވުޒާރާއިން އިލްތިމާސްކުރީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ އެއްވެސް ކަމެއްވިޔަނުދިނުމަށް ޓަކައި، އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ