މުއިއްޒު މާދަމާ ރިޔާސީ ބަޔާނޭ ކިޔައިގެން ދޮގުނުހަދާ އިސްތިއުފާދީ!

2024ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަމުން ރައީސް މުއިއްޒު ދިން ރިޔާސީ ބަޔާނުގައި ދެއްކީ ހުސްހޮޅި ވާހަކައެވެ. ރިޔާސީ ބަޔާނުގައި ބުނި އެއްވެސް އެއްވެސް ވާހަކައެއް ހަގީގަތަކަށް ހަދައެއް ނުދެވުނެވެ. 2024ގެ ރިޔާސީ ބަޔާނަކީ ތެޔޮގުޅާ ސާދާކޮށްފައިވާ ހިޔާލީ ފޮލާއެކެވެ. ވަހެއްނެތް އަަޑުގަދަ ޖަމަލު ފޮޑުއެކެވެ. ސައިބޯނި ބޮތްކެކެވެ. 
ބަޔާން ފަށަމުން އެންމެ ފުރަތަމަވެސް ބުނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެ ކަމަށެވެ. ސިޔާސީ ގޮތުން އިނގިރޭސީންގެ ހިމާޔަތުން ވީއްލުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެކެވެ. އޭގެ ފަހުން ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ ގައުމުގެ މިނިވަންކަން ގެއްލޭފަދަ ހާލަތަކަށް ދިޔައީ އެންމެ ފަހަރަކުއެވެ. 1988 ނޮވެންބަރ 3 ގައި ތަމަޅައިންގެ ބަޔަކު ދިން އުދުވާނީ ހަމަލާ ނޫނީ ރާއްޖޭގެ މިނިވަންކަން ހިމަޔަތް ކުރަން ކަމެއްކުރާކަށް ޖެހިފައެއް ނެތެވެ. އަމްދުން މިޒަމާނަކީ ބާރުގަދަ ގައުމުތަކުން މިނިވަން ގައުމެއް އަޅުވެތިކުރަން ފުރުސަތު އޮތް އިރެއްނޫނެވެ. 
ކުވައިތަށް އިރާގު އެރުމުން ވީގޮތް ފެންނާނެއެވެ. ޔުކުރޭނަށް ރަޝިޔާ އެރުމުން ވަމުންދާ ގޮތްވެސް އެބަފެނެއެވެ. އެއްވެސް ގައުމަކުން އަނެއްގައުމެއް އަޅުވެތި ކުރުމަކީ މިހާރަކު ފަސޭހަކަމެއް ނޫނެވެ. އަމްދުން ތަމަޅައިންގެ އުދުވާންގެ ކިބައިން ރާއްޖެ ސަލާމަތް ކޮށްދޭން އިސްނަގާ އެހީތެރިވެދިން އިންޑިއާއިން ރާއްޖެ ހިފުމުގެ ވިސްނުމެއް އެއްއިރަކުވެސް އެމީހުން ނުގެންގުޅެއެވެ. 
ޒަމާންވީ އަވައްޓެރި އެކުވެރިޔާގެ ގޮތުން އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް މިތުރެވެ. މިތުރުންގެ ހިތައް ދަތިކޮށް ނުނިޔަތްލާ ވެރިކަމުގެ މަސްތުގާ އިންޑިއާ އައުޓް ޖެއްސުމަކީ މިނިވަންކަން ހިމާޔަތް ކުރުން ނޫކަން އިންޑިއާގެ ފައިބުޑަށް ވެއްޓި މޯދީގެ ކުރިމަތީގައި އޮންނަން ޖެހުމުން ހުންނާނީ ވިސްނިފައެވެ.
ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން (އިންޑިއާ ސިފައިން) މި ފަސްގަނޑުން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލާނެ ކަމަށް ބުންޏެވެ. 
އިންޑިއާގެ ސިފައިންގެ ބޭލުނީ ޔުނީފޯމެވެ. އަސްކަރީ އުޅަނދެއް އެއުޅަނދުތަކުގައި ކުރި މަސައްކަތެއް އެކަމުގައި އުޅޭ އިންޑިޔާ މީހުންގެ އަދަދެއް މަދެއް ނުކުރެވުނެވެ. ހަގީގަތުގައި ބާލަން އުޅުނު އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ދުނިޔާއާއި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީ ބޭލުނިއްޔާ ބޭލުނީ މުއިއްޒު ލައިގެން ހުރި އަންނައުނެވެ. 
ދުނިޔޭގެ ކޯޓަކުން ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން ބައިކުރި ފޯޅަވަހި ކަނޑު ހޯދާނެކަމަށް އަޑަށް ބާރުލާފައި ރިޔާސީ ބަޔާން އިއްވަމުން ބުންޏެވެ. އިސްތިއުނާފްވެސް ނުކުރެޥޭ ނިންމުމެއް އަނބުރާލާނެ ކަމަށްބުނެ ބަޔަކު ހޯދައިގެން ހަބީރުންގެ ދިރާސާގެ ނަމުގައި އެތައް މިލިޔަން ޑޮލަރެއް ބޭކާރު ގޮތުގައި ބައި އަޅައިގެން ތަޅާލުން ނޫންކަމެއް ނުކުރެއެވެ. ކުޑަމިނުން އިޓްލޮސްޢާއި ހަމަޔަށްވެސް ނުދެވި ގެއްލުނު ކަނޑުގެ ވާހަކަ އޮއްބާލީއެވެ. 
ކުރީ ސަރުކާރުން ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާގޮތަކަށް ދައުލަތުން ހަދާފައިވާ އެއްބަސްވުތައް ހާމަކޮށް އުވައިލާނެކަމަށް ނިކަން ބަރުލާފައި ބުންޏެވެ. ހާމަ ކުރަން ބުބި އެއްވެސް އެއްބަސްވުމެއް އަދިއަދަށްވެސް ހާމައެއް ނުކުރެއެވެ. އުވައެއް ނުލައެވެ. އެއްބަސްވުމާއެކު ދަނީ ބާރަށް ކުރިއަށެވެ. އިތުރު އެއްބަސްވުންތައް ވެސް ހަދަނީއެވެ. ކަނޑުއަޑި ހާވާ އެއްބަސްވުމާއި އުތުރުތިލަފަޅު އަސްކަރީބޭހާއި ރޯހިތު ވެސް މިހާރު އޯކޭއެވެ. އަސްކަރީވައިެ އުޅަދުތަކާއި ގެރިގޮރު ލޯގަޑު ވަރެއް ނެތިއްޖެއެވެ. 
2024ގެ ރިޔާސީ ބަޔާނަކީވެސް މުއިއްޒު ދޮގު ސިލްސިލާގެ ދިރިއޮތް ދޮގުފައްޗެކެވެ. ކުރެވުނު ކަމެއް ކޮށްދެވުނު ކަމެއް ރައްޔިތަކަށް ނެތެވެ. 2 ސަޕްލިމަންޓްރީ ބަޖެޓާއި 2024 ގެ އަހަރީބަޖެޓް ގެ 61.1 ބިލިޔަން ރުފިޔާ ތަޅާ ހުސްކޮށްލީއެވެ. މާދަމާ އަނެއްކާ ރިޔާސީ ބަޔާނުގެ ނަމުގައި އަރާ ގޮވާނީ ކޮންމޮޔައެއް ކަމެއް ނޭނގެއެވެ. އޮބިނޯވެގެން ގޮސް ކެތް ނުވެގެން މާދަމާ އިއްވާނީ އިސްތުއުފާގެ ރިޔާސީ ބަޔާން ނޫންކަމެއް ނޭނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ