ހުޅުމާލޭގައި ގާއިމު ކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އިސްރަށްވެހިންގެ އިޖުތިމާޢީ ސެންޓަރު މިއަދު ހުޅުވައިފިއެވެ.
އިސްރަށްވެހިންގެ އިޖުތިމާއީ ސެންޓަރު ހުޅުވައި ދެއްވާފައިވަނީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒު މަންސޫރެވެ.
އެޗްޑީސީން ބުނީ އިސްރަށްވެހިންގެ ނާދީ ފަރުމާކޮށްފައިވަނީ ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ކަމަށާއި އެންމެންނަށް ބޭނުންކުރެވޭނެ ސަރަހައްދަކާއި ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށް ކަމަށެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓް އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އިސްރަށްވެހިންގެ އިޖުތިމާޢީ ސެންޓަރު އެޗްޑީސީގެ ފަރާތުން ރަސްމީކޮށް އެ މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ މި މަރުކަޒަކީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒާމު ކުރެވިގެން ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބިނާކޮށްފައިވާ ތަނެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުވާފައި ހުންނާނީ ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ