ތުރުކީގެ އިދިކޮޅު ޕާޓީގެ ލީޑަރަކަށް އޮޒްގުރް އޮޒެލް އަނެއްކާ ވެސް ހޮވައިފި

ތުރުކީގެ މައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ލީޑަރުގެ މަގާމަށް އޮޒްގުރް އޮޒެލް އަނެއްކާ ވެސް އިންތިހާބުކޮށްފި އެވެ. އޭނާ އެ މަގާމަށް މި ފަހަރު އިންތިހާބުކުރީ ވެރި ރަށް އަންކާރާގައި އިއްޔެ ބޭއްވި އާދަޔާ ހިލާފު ކޮންވެންޝަނެއްގަ އެވެ.
ޖަލަށްލާފައިވާ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮގްލޫ މިނިވަން ކުރުމަށް ކެނޑިނޭޅި މަަސަކަތް ކުރަމުން ގެންދާނެ ކަމަށް އޮޒެލް ވަނީ އިއްޔެ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ތުހުމަތުކޮށް ބަންދުކޮށްފައިވާ އެހެން މޭޔަރުން މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އަދި އޭނާ ވިދާޅުވީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އަވަސްކޮށް، ލަސްވެގެން މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ސީއެޗްޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިމާމޮގްލޫ ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕާޓީގެ މައި އެގްޒެކެޓިވް ކޮމެޓީ އާއި ޗެއާޕާސަން ހޮވުމަށް ބޭއްވި ކޮންވެންޝަނަށް ސީއެޗުޕީގެ 1،300 އަށް ވުރެ ގިނަ މަންދޫބުން ވަނީ އެއްވެފަ އެވެ.
ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވި ހަމައެކަނި ބޭފުޅަކީ އޮޒެލް އެވެ. އޭނާއަށް ވަނީ 1،171 މަންދޫބުން ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ