އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވާސިޓީގެ ދިރާސާއަކުން ދައްކައިދީފައިވާ ގޮތުގައި ކޮފީ ގިރަން ފެން އަޅާ ގޮތުން ވެސް އޭގެ ރަހަ އާއި ބާރުމިނަށް ބަދަލު އަންނަ ކަމަށް ވަނީ ހާމަވެފަ އެވެ. މި ދިރާސާގައި ބަލާފައިވަނީ ކޮފީ ތައްޔާރުކުރުމުގެ އެންމެ މަގުބޫލު އެއް ގޮތް ކަމަށްވާ ފެން އޮއްސައިގެން ކޮފީ ތައްޔާރުކުރުމުގެ މައްޗަށެވެ.
ދިރާސާގެ މައިގަނޑު ލީޑްކުރި އާނެސްޓް ޕާކް ބުނީ ކޮފީ ގިރަން ފެން އަޅާއިރު ވީހާވެސް މަތިން އަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިގޮތަށް އަޅާއިރު، ސީދާ ކޮފީ ޕައުޑަރަށް އެޅޭ ގޮތަށް އަޅަން ސަމާލުކަންދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ
މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި މިގޮތަށް ކޮފީ ގިރަން ފެން އެޅުމުން ކޮފީގެ ރަހަ ރަނގަޅުވެ، މަދު ކޮފީ ޕައުޑަރަކުން ރަނގަޅަށް ރަހަ ނެރެވޭނެ އެވެ. މިއީ ކޮފީ އުފެއްދުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮފީ އުފެއްދުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މި ދިރާސާއިން ހޯދާފައިވާ ހޯދުންތަކަކީ ކޮފީއަށް ލޯބިކުރާ މީހުންނަށް އުފާވެރި ހަބަރެއް ކަމަށް ބެލެވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު ބިލިއަން ކިލޯގްރާމުގެ ކޮފީ ބޭނުންކުރާ ކަމަށް ދިރާސާގައި ބުނެފައި ވާއިރު، ކޮފީއަކީ ހަމައެކަނި ބުއިމެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ނޫން ކަމާއި، އެއީ ސަގާފީ ގޮތުން މުހިންމު އަދި ގިނަ ބަޔަކަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ދިރާސާއިން ދައްކައިދޭ ގޮތުގައި ކޮފީ ގިރަން ފެން އަޅާ އުސްމިނާއި ފެން އަޅާ ގޮތް ބަދަލުކޮށްގެން ކޮފީ ތައްޔާރުކުރުމުގެ މުޅި ޕްރޮސެސް ރަނގަޅުކުރެވިދާނެ އެވެ. މިގޮތަށް ރަނގަޅަށް ފެން އެޅުމުން ކޮފީ ޕައުޑަރު ރަނގަޅަށް ގިރި، ރަހަ ވެސް ރަނގަޅަށް ނުކުމެ ފެނާއެކުވާ ކަމަށް ދިރާސާއިން ދައްކައެވެ.
ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ މާގޮޓް ޔަންގް ބުނީ މަދުން، މަޑުމަޑުން ތިކިތިއްކަށް ވާގޮތަށް ފެން އެޅުމުން ކޮފީ ޕައުޑަރު ރަނގަޅަށް ނޭނބުރޭ ކަމަށެވެ. މިގޮތަށް ފެން އެޅުމުން ކޮފީގެ ރަހަ ރަނގަޅަށް ނުނެރެވޭނެ އެވެ.
ދިރާސާވެރިން ދޭ ލަފައަކީ މިކަން ގޭގައި ތިބެގެން ތަޖުރިބާކޮށްލުމެވެ. މި ދިރާސާ ޝާއިޢުކޮށްފައިވަނީ "ފިޒިކްސް އޮފް ފްލުއިޑްސް" މަޖައްލާގައެވެ.
ދިރާސާ: ކޮފީ ގިރަން ފެން އަޅާ ގޮތުން ރަހައަށް ބަދަލު އާދޭ ދިރާސާ: ކޮފީ ގިރަން ފެން އަޅާ ގޮތުން ރަހައަށް ބަދަލު އާދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ